މިރޭ މާލޭގައި ތިން މިނެޓަށް ހަވާ އަރުވަނީ

މާލޭގައި މިރޭ ތިން މިނެޓަށް ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް, ސިފައިން ބުނެފިއެވެ. ސިފައިން ބުނީ މިރޭ ހަވާ އެރުވުމަށް ނިންމާފައި ވަނީ މާލޭގެ ލެމަންގްރާސް ސިޓްރޮންއާ ދިމާ ބޭރުން މިރޭ 21:15ގައި ކަމަށެވެ. ތިން މިނެޓަށް އެ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން އަމިއްލަ އިވެންޓަކަށް, ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކަމަށް ސިފައިން ބުންޏެވެ. މިއީ ސީދާ ކޮން މުނާސަބަތަކާ ގުޅިގެން އަރުވާ ހަވާއެއް ކަމެއް ނޭނގެއެވެ. ހަވާ ބެލުމަކީ ކުޑަކުދިން ހިމެނޭ ގޮތަށް ވަރަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. އަދި މިއަދަކީ ހަފުތާ ބަންދު ކަމަށްވުމުން ގިނަ ބަޔަކަށް އެ އުފާ ހޯދުމުގެ ފުރުސަތު ފަހިވާނެއެވެ. ސިފްކޯއިން ކަނޑައަޅާފައި ހުންނަ އަގުތަކެއް ދެއްކުމުން, އަމިއްލަ މީހުންގެ ހަފްލާތަކާއި ކުންފުނިތަކުގެ ހަފްލާތަކަށް ވެސް ސިފައިން ހަވާ އަރުވައިދެއެވެ. ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންނަށް އެކަނި ކަމަށްވާއިރު އެއީ ސިފައިންގެ ކުންފުނި ސިފްކޯއަށް ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ