މާލެ، ވިލިމާލޭގެ ބިންތައް ކުއްޔަށް ދިނުމުގައި ހަމަހަމަކަމެއް ނެތް

ވިޔަފާރީގެ ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް މާލެ އާއި ވިލިމާލެއިން ބިންތައް ކުއްޔަށް ދީފައިހުރިކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ކުއްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ދަފުތަރު އެކުލަވާލައި އެ ދަފުތަރު ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ.
އެކަން އެގޮތަށް ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވައިލި ލިސްޓުތަކެއް ރޭ ވަނީ ގެޒެޓްކޮށްފަ އެވެ.
ތަފްސީލު - ކައުންސިލުން އާންމުކުރި ލިސްޓުތަކުގެ ތެރޭގައި ހިމެނެނީ މާލެ އާއި ވިލިމާލެއިން ދޫކުރި ފްލެޓު، ބިން، ލޯކަލް މާރުކޭޓުތަކުން ކުއްޔަށް ދޫކޮށްފައިވާ ގޮޅި އަދި ފައްތިއްޔާތަކުގެ ތަފްސީލެވެ.
މާލެ އާއި ވިލިމާލެއިން ފްލެޓުގެ ގޮތުގައި 162 ތަނެއް ދޫކޮށްފައި ހުރިއިރު، އޭގެ ތެރެއިން ބައެއް ފްލްެޓުތައް އަމިއްލަ ކުރުމުގެ އެއްބަސްވުން ހުރީ ނުހަދަ އެވެ.
މާލެ އާއި ވިލިމާލެއިން ދީފައިވާ ބިން އަދި ތަންތަނުގެ ތަފްސީލު ލިސްޓުގައި 157 ތަނެއް ލިސްޓުކޮށްފައިވެ އެވެ.
އޭގެ ތެރެއިން ބައެއް ތަންތަނަކީ އެއްވެސް ކުއްޔެއް ނުނަގައި، އެހެން މަސައްކަތެއް ކުރުމުގެ ބަދަލުގެ ގޮތުގައި ދިގު މުއްދަތަކަށް ދީފައިވާ ތަންތަނެވެ. މިސާލަކަށް ތަނެއް ކުނިކަހައި ސާފުކުރުމުގެ ބަދަލުގައި ދީފައިހުރި ޓަކްޝޮޕްތަކާއި މައިޒާން ތަރައްގީކުރަން 'ސްޕޯޓްސް ކުލަބް'އަކަށް ދީފައިވާ ބިންތަކެއް ހިމެނެ އެވެ.
ކާނިވާ ފަދަ ތަންތަނުން ބައެއް ކުންފުނިތަކުން ބޮޑު އަދަދެއް ކުލީގެ ގޮތުގައި ނަގާއިރު، ބަދަލުގެ މަސައްކަތެއް ކޮށްދިނުމުގެ ގޮތުން ހިލޭ ބޮޑެތި ބިންތައް ދީފައިހުރިކަން ވެސް އެ ލިސްޓުން ހާމަވެ އެވެ.
އެގޮތަށް ފާހަގަކުރެވޭ އެއް ތަނަކީ ކާނިވާ ސަރަހައްދުގައި ހިންގާ ނޮވެލް ރެސްޓޯރަންޓު ހިންގާ ބިމާއި އެ ތަނުގެ އިމުގައި ނުހިމެނޭ 1،691 އަކަފޫޓުގެ ބިމާއި ކާނިވާ އިސްކަންދަރު މައިޒާނުގައި ހިންގާ ޓަކްޝޮޕެވެ.
މިއީ އިސްކަންދަރު މައިޒާން އަމިއްލަ ހަރަދުގައި އިތުރަށް ތަރައްގީ ކުރުމުގެ ބަދަލުގައި އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު 10 އަހަރުގެ މުއްދަތަކަށް ދޭން ނިންމި ބިންތަކެކެވެ.
ކާނިވާ ސަރަހައްދުން ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަން ކުއްޔަށް ދީފައިހުރި އަގަށް ބަލާއިރު މިއީ ވިޔަފާރީގެ ހަމަހަމަކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މާލެ އާއި ވިލިމާލޭގެ މާރުކޭޓުތަކުން 379 ގޮޅި ކުއްޔަށް ދީފައިވާއިރު، ފައްތިއްޔާގެ ގޮތުގައި 479 ތަން ކުއްޔަށް ދޫކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ