4 އަހަރު ތެރޭ ކާރިސާތަކުގައި ލިބުނު ގެއްލުމަށް 24 މިލިއަން ރުފިޔާ
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން 2021 އިން މިދިޔަ އަހަރުގެ ނިޔަލަށް ގުދުރަތީ ކާރިސާތަކުގައި ލިބުނު ގެއްލުމަށް 24 މިލިއަން ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ ހަތަރު އަހަރުގެ އެންޑީއެމްއޭގެ ކަންކަން ފާހަގަކޮށް، އޮޑިޓު ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ އެ އޮތޯރިޓީން މައިގަނޑު ގޮތެއްގައި ޚަރަދުކުރަނީ ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުމަށް ފޯރުކޮށްދޭ އެހީތަކަށް ކަމަށެވެ. އެގޮތުން، މިދިޔަ ހަތަރު އަހަރު އެ ބާވަތުގެ އެހީތަކަށް ޖުމުލަ 24.4 މިލިއަން ރުފިޔާ އެ އޮތޯރިޓީން ވަނީ ޚަރަދުކޮށްފައެވެ. އޮޑިޓު ރިޕޯޓުގައި ބުނީ، އެ ފައިސާ އެންޑީއެމްއޭއިން ޚަރަދުކުރީ، ކާރިސާތަކާ ގުޅިގެން އަމިއްލަ މީހުންނަށް ދޭ ފައިސާ ކޯޑާއި ގުދުރަތީ ގެއްލުމަށް އެހީގެ ގޮތުގައި ދޭ ފައިސާގެ ކޯޑުން ކަމަށެވެ. އެ ރިޕޯޓުގައި ވަނީ މިދިޔަ ހަތަރު އަހަރު ކާރިސާތަކުގެ ގެއްލުމަށް ކޮންމެ އަހަރަކު ވަކިން ކުރި ޚަރަދުތައް ވެސް އާންމުކޮށްފައެވެ. އޭގެ ތެރެއިން، އެންމެ ބޮޑު ޚަރަދެއް ހިނގީ މިދިޔަ އަހަރެވެ. ނިމުނު 2024ގައި ގުދުރަތީ ގޮތުން ލިބުނު ގެއްލުމަށް އެ އޮތޯރިޓީން ޚަރަދުކުރީ، 11.6 މިލިއަން ރުފިޔާ ކަމަށްވާއިރު، 2023ގައި ވަނީ 4.2 މިލިއަން ޚަރަދުކޮށްފައެވެ. އޭގެ އިތުރަށް، 2022 ވަނަ އަހަރު 3.6 މިލިއަން އެ ބާވަތުގެ އެހީތަކަށް ހޭދަކުރިއިރު، 2021 ޚަރަދުކުރީ، 4.9 މިލިއަން ރުފިޔާއެވެ. އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި، އެންޑީއެމްއޭގެ މުސާރައާއި އެލަވަންސާއި ބޭރުގެ އެހީއިން ލިބުނު ފައިސާއިން ކޮށްފައިވާ ޚަރަދުތައް ނުލައި، މިދިޔަ އަހަރު 71 ޕަސެންޓު ޚަރަދުކުރީ ކާރިސާތަކާ ގުޅިގެން ކަމަށެވެ. އޮޑިޓު އޮފީހުން އެ ރިޕޯޓުގައި ވަނީ މިދިޔަ ހަތަރު އަހަރު އެންޑީއެމްއޭއިން ޚަރަދުކުރީ އެ އޮތޯރިޓީއަށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ކަންތައްތަކަށް ކަނޑައަޅާފައިވާ މިންވަރަށް ކަމަށާއި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށްކަން ފާހަގަކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، މޫސުން ގޯސް ދުވަސްވަރަށް ދިމާވާ ހާދިސާތަކުގައި ކައުންސިލްތަކާ ގުޅިގެން އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން، ހާލުގައި ޖެހޭ އާއިލާތަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސައިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ