މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިދިޔަ ހަފުތާ އިސްތިއުނާފްކޮށްފި އެވެ.
ވީކިހިނެއް؟ - މައުމޫނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއް ކުރެ އެވެ. އެއީ ތްރީޑީއެޗާ އެކު ހިންގާފައިވާ ހަތް މުއާމަލާތެއްގެ މައްސަލާގަ އެވެ.
އޭގެ ތެރެއިން ކްރިމިނަލް ކޯޓުން ދެ ދައުވާއެއްގައި ހުކުމްކުރަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ކޯޓުން ހުކުމްކުރަނީ އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މައުމޫނުގެ ފަރާތުން އެ ދެ ހުކުމް އިސްތިއުނާފްކޮށްފައިވަނީ މިދިޔަ ހަފްތާ ހޯމަ ދުވަހުގަ އެވެ. އިސްތިއުނާފް ބަލައިގަތުމާ ގުޅޭ ގޮތުން ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އެނގުން މުހިންމު - މައުމޫން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 10 ޑިސެމްބަރު 2013 އިން 16 ނޮވެމްބަރު 2018 އަށެވެ.
މައުމޫނުގެ މައްޗަށް ކުރާ ދައުވާތަކުގައި ވާގޮތުން، 2016 އާއި 2017 ދެމެދު ކޮށްފައިވާ ހަތް މުއާމަލާތަކުން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ.
އެ މުއާމަލާތްތަކަކީ:
ފުރަތަމަ މުއާމަލާތް، 7 އޭޕްރީލް 2016: އެ ދުވަހު މައުމޫންގެ ބީއެމްއެލް އެކައުންޓަކަށް 29،941.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް
ދެވަނަ މުއާމަލާތް، 7 ޖޫން 2016ގައި: އޭނާގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 ޑޮލަރު، އަދި އޭނާއާ ގުޅުން ހުންނަ މޮން އާކް ނަމަކަށް ކިޔާ ކުންފުންޏެއްގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކުރި ކަމަށް
ތިންވަނަ މުއާމަލާތް، 1 އޮގަސްޓް 2016ގައި: މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް
ހަތަރުވަނަ މުއާމަލާތް، 9 އޭޕްރީލް 2017ގައި: މައުމޫނާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑްގެ އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް
ފަސްވަނަ މުއާމަލާތް، 15 މެއި 2017ގައި: މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް
ހަވަނަ މުއާމަލާތް، 23 އޮގަސްޓް 2017ގައި: މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް
ހަތްވަނަ މުއާމަލާތް، 8 އޮކްޓޯބަރު 2017ގައި: މައުމޫނުގެ އެއްބަފާ ބޭބެ ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ ޖަލު ހުކުމުގެ މައްސަލަ ހައި ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ