ކޯސްޓްގާޑު ޝިޕް 'ހުރަވީ'ގެ ފުރަތަމަ ރަސްމީ ދަތުރު ލަންކާއަށް، އެހީ ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފި
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް 'ހުރަވީ'ގެ ފުރަތަމަ ރަސްމީ ދަތުރުގައި އަވައްޓެރި ސްރީ ލަންކާއަށް ގޮސްފައިވާއިރު، އެ ގައުމަށް މިހާރު ދިމާވެފައި އޮތް ގުދުރަތީ ކާރިސާގައި ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓާ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި 'ހުރަވީ'ގެ މި ދަތުރަކީ ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރި ދަތުރެކެވެ. ނަމަވެސް ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ގުދުރަތީ ކާރިސާގައި، ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓާ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ ޝިޕުން ތައްޔާރަށް އޮތްކަން ސްރީލަންކާގެ ސަރުކާރަށް އަންގާފައި ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ކޯސްޓްގާޑް ޝިޕް ލަންކާއަށް ކުރި މި ދަތުރުގައި، ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފް2025)ގައި ބައިވެރިވެފައިވެއެވެ. އަދި 2016 ވަނަ އަހަރު ބޭއްވި ފްލީޓް ރިވިއުގައި ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް އިންޑިއާގައި ބޭއްވި ފްލީޓް ރިވިއުގައި ޝިޕް ހުރަވީ ބައިވެރިވެފައި ވަނީ ރިފިޓްކުރުމަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންކަމުން މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފްގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ. އެމްއެންޑީއެފުން ބުނީ ސްރީ ލަންކާގައި އިއްޔެ ބޭއްވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދިޔައީ، ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގައި ކަމަށެވެ. މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމަކުން ވަފުދުތައް ބައިވެރިވިއިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ކަނޑުގެ އުޅަނދުތައް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ނޮވެންބަރު 27އިން ފެށިގެން އިއްޔެގެ ނިޔަލަށް އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސެރެމޯނިއަލް ފްލީޓް ރިވިއުއާއި، ސިޓީ ޕެރޭޑާއި، ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި، ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިން ވަނީ ބައިވެރިވެފައެވެ. އަދި، ޕަބްލިކް އެންގޭޖްމަންޓް ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ފްލީޓް ރިވިއުގައި، ކޮލޮމްބޯއިން ފެށި ދަތުރު ރިވިއުކޮށް ދެއްވީ ސްރީލަންކާގެ ބޮޑުވަޒީރު، ހަރިނީ ނިރެކާ އަމަރަސޫރިއާއެވެ. މި ފްލީޓް ރިވިއު ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ