ހަފުތާއެއްވީއިރު ވެސް ޑަކްޕާކުގެ އަސްދޫނިތައް މަރުވި ސަބަބު ދެނެނުގަނެވޭ
ގިނަ ބަޔަކު ޒިޔާރަތްކުރާ އައްޑޫ ހުޅުދޫގެ ޑަކްޕާކުގައި އުޅެމުން ދިޔަ އަސްދޫނިތައް މަރުވި ސަބަބު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް، ފުލުހުން ބުނިތާ ހަފްތާއެއްވީ އިރު އަދި ސަަަބަބު ދެނެނުގަނެވޭ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ހުޅުދޫގެ ޑަކްޕާކުގައި އުޅެމުންދިޔަ އަސްދޫނިތަކާއި އެ ތަނުގެ ފެންގަނޑުގައިވާ މަސްތައް މަރުވި މަންޒަރު ހިއްސާކޮށް، 'ފޭސްބުކް'ގައި 'ޖަމްބެ ސަންރައިސް' ނަމަކަށް ކިޔާ މީހަކުވަނީ މިއީ ބަޔަކު ޑަކްޕާކުގެ ފެންގަނޑަށް ވިހަ އަޅައި ގަސްދުގައި ކުރި އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ. 'ސަން' އިން ސުވާލުކުރުމުން ހުޅުދޫ އަވަށުގެ ކައުންސިލަރު ހުސައިން ފައިޒުއްރަހްމާން މީގެ ކުރިން ވިދާޅުވީ، ޑަކްޕާކުގެ އަސްދޫނިތަކާއި މަސްތައް މަރުވާން ފެށިކަން ފާހަގަވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ވެސް ވަނީ މިކަން ހިނގީ ބަޔަކު ޕާކަށް އެޅި އެއްޗަކާ ގުޅިގެން ކަމަށް ތުހުމަތުކުރައްވައިފައެވެ. https://sun.mv/212508 މި މައްސަލައިގައި ފުލުހުން އޭރު ބުނީ، ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް އެކަކު ވެސް ހައްޔަރުނުކުރާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. މިއަދު ފުލުހުން ބުނީ، ޑަކްޕާކުގެ އަސްދޫނިތަކާއި މަސްތައް މަރުވި ސަބަބު ދެނެގަތުމަށް ޓަކައި ތަހްގީގުގެ ތެރެއިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ތަކެތީގެ ސާމްޕަލް ނަގައި ތަހްލީލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. https://sun.mv/212538 މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނި ނަމަވެސް، މި މައްސަލައިގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ބަހެއް ނުލިބެއެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުދޫގައި ހުޅުވި ޑަކްޕާކަކީ އަސްދޫންޏާއި ކޮތަރު ކޮއްޓާއެކު ހަދައިފައިވާ ސަރަހައްދެކެވެ. އެ ޕާކުގައި އޮންނަ ފެންގަނޑުގައި ގިނަ އަދަދެއްގެ މަސް އުޅޭއިރު، އެއީ ރަށުގެ މީހުންނާއި ފަތުރުވެރިން ވެސް އާންމުކޮށް ގޮސް އުޅޭ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ