ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބަންގްލަދޭޝްގެ އެންމެބޮޑު އެއާޕޯޓް ހުއްޓުމަކަށް އަތުވެއްޖެ

ބަންގްލަދޭޝްގެ މައި އެއާޕޯޓް، ހަޒްރަތް ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅި އެއާޕޯޓް ހުއްޓުމަކަށް އަތުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމްގެ އެޑްވައިޒަރު ބަސިކް އުޑިން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްއަށް ގެންނަ މުދާ ބެހެއްޓުމަށް ހަދާފައިވާ ކާގޯ އޭރިއާގައި ކަމަށެވެ. އަލިފާން ރޯވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް އެތަނުގައި އެވަގުތު ތިބި ބައެއް މީހުންނަށް އަލިފާނުގެ ސަބަބުން ގެއްލުންތަކެއް ލިބުނުކަމަށް މީޑިއާތަކުން ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން އުޑިން ވިދާޅުވީ އުއްމީދަކީ މިރޭގެ ވަގުތެއްގައި އެއާޕޯޓް ހުޅުވައި އަލުން ހިދުމަތް ދޭންފެށުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެންމެ އިސްކަމެއްދެނީ އެއާޕޯޓް އަވަހަށް ހުޅުވައި ހިދުމަތްދޭން ފެށުންކަމަށެވެ.
ބަންގްލަދޭޝްގެ މައި އެއާޕޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ބައެއްއެއާލައިންތަކުން ވަނީ ފްލައިޓްތައް އެހެން ދިމާތަކަށް ޑައިވާޓްކޮށްފައެވެ. އަދި ފަހުން ވަނީ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވާއިރު، ބަންގްލަދޭޝްގެ ސަރުކާރުން ބުނެފައިވަނީ އެކަން ވަރަށް ރަނގަޅަށް ތަހްގީގްކުރާނޭކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ބަންގްލަދޭޝްގެ ކާގޯ ބަހައްޓާތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 1 ބިލިއަން ޑޮލަރަށްވުރެ ބޮޑުވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ