ތިބާ ނުހަނު ލޯބިން ގެންގުޅޭ ދަރިފުޅު ބަސްނާހަނީހެއްޔެވެ؟ މިކަންކަމަށް ސަމާލުކަންދީފިނަމަ ހެޔޮ ބަދަލެއް ފެންނާނެ! އިން ޝާ ﷲ

ދަރިންގެ އަޚްލާޤް ގޯސްވަމުން އަންނަނަމަ ފުރަތަމަ ކަމަކަށް ދެމަފިރިންގެ އަމިއްލަ ދިރިއުޅުމަށް ބަލާށެވެ! ރުޅިވެރިކަމާއިއެކު ބަސް ބުނެގެން ކަންކަން ވަނީ އިޞްލާޙް ހެއްޔެވެ؟ ނުވަތަ އަންނަނީ ރުޅި ހެއްޔެވެ؟ އަދި ހަރުކަށި ބަސްތަކާއި އަމުރުތައް ތަކުރާރުވާނަމަ ނަފްރަތަށް ބަދަލު ނުވޭ ހެއްޔެވެ؟ ދަރިންގެ ކަންކަމުގައިވެސް ވާނީ ހަމަ މިގޮތެވެ!
ހަމައެއާއިއެކު ޒަމާނަށް އަންނަމުން މިދާ ބޮޑެތި ބަދަލުތަކަށް ވިސްނާށެވެ! އަހަރެމެން ކުޑައިރު ކަންކަން ހުރިގޮތާއި މިހާރު ކަންކަން ހުރި ގޮތުގެ ތަފާތަށް ބަލާށެވެ! އަހަރެމެން ކުޑައިރު އަހަރެމެން ތަރުބިއްޔަތުކުރަން މައިން ބަފައިން އެޅި ފިޔަވަޅުތައް މިޒަމާނަކަށް ނުފެތޭނެއެވެ. ވީމާ ދަރިންނާއިމެދު ކަންކަން ކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ވާނެއެވެ.
ބަދަލުކޮށްގެން ނުވާނެ ކަންކަންވެސް އެބަހުއްޓެވެ. އެއީ އިސްލާމް ދީނުގެ ކަންކަމެވެ. އެޒަމާނުގައި މިޒަމާނުގައިވެސް އިސްލާމް ދީނަށް އަމަލުކުރަން ޖެހޭނެއެވެ. ވީމާ ދަރިން ލައްވައި އިސްލާމް ދީނުގެ ކަންކަން ފުރިހަމައަށް އަދާކުރުވަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ!
ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ދަރިންނަކީ ހުރިހާ ރަނގަޅު ސިފަތަކެއް ލިބިފައިވާ ބައަކަށްވުމަށެވެ. ނަތީޖާއެއްގެ ގޮތުން ދަރިން އިޞްލާޙްކުރުމަށްޓަކައި ތަފާތު ކަންކަން ކުރެއެވެ. އެމީހެއްގެ ވިސްނުމަށް ގެނެވޭ ހުރިހާ ރަނގަޅު ކަމެއްވެސް ކުރެއެވެ. އެހެންކަމާއިއެކު ވެސް ދަރިން އިޞްލާޙް ނުކުރެވިގެން އުޅެންވެސް އެބަ ޖެހެއެވެ. އެފަދަ ހާލަތުގައި ކަންކަން ކުރާނެ ގޮތަކާއިމެދު ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ.
މިފަދަ ހާލަތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ އެއްކަމަކީ ދަރިފުޅުގެ ކިބައިން ނުރަނގަޅު ކަމެއް ފެންނަ ކޮންމެ ފަހަރަކު ރުޅި މޫނެއް ނުދެއްކުމެވެ. ކޮންމެހެން ރުޅި އަންނަން ޖެހޭ ހާލަތެއްގައި ނޫނީ ރުޅިވެރިކަން ނުދެއްކުމެވެ.
ކިތަންމެ ރުޅިގަދަވެފައި ހުރި ނަމަވެސް ރުޅި ކޮންޓްރޯލްކުރާށެވެ! ހިނިތުންވެލާށެވެ! އަދި އޯގާތެރިކަމާއިއެކު ނަޞޭޙަތްދޭށެވެ! ކައިރިއަށް ގެނެސް ލޯބިކޮށްލާށެވެ! ތިއަބާވަތުގެ ކަމެއް ތަކުރާރުކޮށްފިނަމަ މިވެނި އަދަބެއް ދޭނަމޭ ބުނުމުގެ ބަދަލުގައި ތިއަ ބާވަތުގެ ކަމެއް ތަކުރާރުކޮސްފިނަމަ މަންމަ ވަރަށް ދެރަވާނެކަމަށް ބުނާށެވެ! ހަރުކަށި ބަސްތައް ބުނަންވާނީ ކުށްތަކުރާރުކުރާ ނަމައެވެ. ދެން އެހެން ގޮތެއް ނެތުމުންނެވެ.
ދަރިންގެ އަޚްލާޤް ގޯސްވާނަމަ މައިންބަފައިން ކަންބޮޑުވެއެވެ. ސުވާލަކީ އެއްވެސް ކަމެއް ހަމައެކަނި ކަންބޮޑުވެގެން ޙައްލުކުރެވޭ ހެއްޔެވެ؟ ނޫނީ ރުޅި އައިސްގެން ކަންކަން ޙައްލުކުރެވޭ ހެއްޔެވެ؟
--ޝައިޚް ޢަބްދުއްރަހްމާން މަރފީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ