ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000 ރުފިޔާ ނަގަން، ރަށު ރައްޔިތުންގެ ރުހުމާއެކު ނިންމައިފި
ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން، އެ ރަށުގެ ރައްޔިތުންގެ ރުހުމާއެކު ތިނަދޫ ސިޓީ ކައުންސިލުން އަލުން ނިންމައިފިއެވެ. ތިނަދޫން އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން އެ ސިޓީން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހެވެ. އެ ނިންމުން ނިންމި ސަބަބެއް ކަމަށް ތިނަދޫ ސިޓީ ކައުންސިލުން އޭރު ބުނީ، އެއީ އެ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. https://sun.mv/187056 ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ ތިނަދޫގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއްކަން ކައުންސިލުގެ އިއުލާނުގައި އޭރު ފާހަގަކުރިއެވެ. ނަމަވެސް ތިނަދޫ ކައުންސިލްގެ ނިންމުން ގަވައިދާ ޚިލާފު ކަމަށް ބުނެ، ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ރަށްވެހިކަން ބަދަލުވާނަމަ ފީއެއް ނަގާ ގޮތަށް ތިނަދޫ ކައުންސިލުން އޭރު ނިންމި ނިންމުން އަނބުރާ ގެނައުމަށް ގޮވާލައި، އޭގެ ދެ ދުވަސް ފަހުން ސިޓީއެއް ފޮނުވައިފައެވެ. https://sun.mv/187140 މިއަދު ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ބުނީ، އެ ސިޓީގެ ރަށްވެހިކަމުން އުނިވާ މީހުން 5،000 ރުފިޔާ ދައްކަންޖެހޭ ކަމަށް ކައުންސިލުން ފާސްކުރީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށާއި، އެކަން އިސްލާހުކޮށް އިޖުރާއަތުތައް ފުރިހަމަކުރަން މިދިޔަ ޖުލައި މަހު އެލްޖީއޭއިން ލަފާދިން ކަމަށެވެ. އެހެންވެ އޮގަސްޓް މަހުގެ 10ވަނަ ދުވަހު ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ލަފާގެ މަތިން، ތިނަދޫގެ ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދު ކަނޑައެޅުމަށް ގޫގަލް ފޯމެއް މެދުވެރިކޮށް އެ ސިޓީގެ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލި ކަމަށް، ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ ރައްޔިތުންގެ ފަރާތުން ވޯޓަށް އެހީ، ރަށްވެހިކަމުން ވަކިވާ މީހުންގެ އަތުން އެއްވެސް އަގެއް ނުނަގާ ގޮތަށް ނުވަތަ 5،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދެއް ހިމެނޭހެން ފީއެއް ނަގާ ގޮތަށް އިޚުތިޔާރު ކުރުމަށް ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ރައްޔިތުން ނިންމީ ތިނަދޫގެ ރަށްވެހިކަމުން ވަކިވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީ ނެގުމަށް ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ، މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ތިނަދޫ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި، އެ ސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ރައްޔިތުންގެ އަތުން 5،000 ރުފިޔާ ނަގަން އޭރު ކުރި އިއުލާނު ބާތިލްކުރުމަށްފަހު އަލުން އެ ނިންމުން ނިންމީ ކަމަށް، ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ