ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިބިކަމަށް ރައީސް ޑރ.މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމް ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އިދިކޮޅުގައި ތިބެގެންވެސް ޕީޕީއެމް ޕީއެންސީއިން ދައްކާފައިވަނީ ރަނގަޅު ވާހަކަތައް ކަމަށާއި އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި އެބަތިބި ކަމަށެވެ.
މިކަމާއި ބެހޭގޮތުން ކުރީ ސަރުކާރުން ދިޔައީ އިންޑިއާ ސިފައިން ނެތްކަމަށް ބުނެ އޮޅުވާލައި ދޮގު ހަދަމުންކަމަށާއި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ގާއިމުކުރުމަށް ރައްޔިތުން ވޯޓު ދިނީ އެކަންކަން ސާފުވާތީކަމަށްވެސް ވިދާޅުވިއެވެ.
Advertisement
"ރައްޔިތުންނަށް އެނގުނީ އޭރުގެ ސަރުކާރުން ދޮގު ހެދިކަން. އެހެންވެގެން އަޅުގަނޑުމެންނަށް ވޯޓު ދިނީ. އޭރުގެ ސަރުކާރުން ނާގާބިލު ވީމަ އަޅުގަނޑުމެންނަށް ވޯޓު ދިނީ.އޭރުގެ ސަރުކާރުން ރައްޔިތުންނަށް ޚިޔާނާތްތެރި ވީމަ އަޅުގަނޑުމެންނަށް ވޯޓު ދިނީ.އޭރުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދީމަ އަޅުގަނޑުމެންނަށް ވޯޓު ދިނީ."
އަދުރޭ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިތާ ތިން ހަފްތާވެސް އަދި ނުވާކަމަށާއި އެހެންނަމަވެސް މިހާތަނަށް އައިރުވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ދާ ތަން ފެނިވަޑައިގަންނަކަމަށް އަދުރޭ ވިދާޅުވިއެވެ.
އިއްޔެ ކެބިނެޓާއި އެކު ރައީސް ޑރ.މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައަށް އަލި އަޅުއްވާ ލައްވާފައެވެ.
މިގޮތުން އެ މަނިކުފާނު ވިދާޅުވީ އެކި ރަސްމީ އިދާރާތަކުން ލިބޭ އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރި ކަމަށް ފާހަގަ ކުރެވިފައި ވާތީ އެ ލިޔެކިއުންތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
އެކަމަކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރިމެންޓުތައް އިންޑިއާއި އެކު ކުރީގެ ސަރުކާރުން ހަދާފައި ވާކަން ޔަގީން ވެފައިވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި: އަބްދުއްރަހީމް އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ