އިންޒާރު ދީފައި ވަނިކޮށް ޔާމީން އަނެއްކާވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވި މައްސަލަ ބަލަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނު އުފައްދަވަން އުޅުއްވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ އޮފީހަށް ވަޑައިގެން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ބަަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ހުންނަވަނިކޮށް، ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވައި ހައްދަވަން ފެއްޓެވުމުން، މި މަހުގެ 1 ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ އެއީ ގޭބަންދަށް ދިން ލުއިތަކުގެ އިގުރާރާ ހިލާފު އަމަލެއްކަން އަންގައި، އެކަން ތަކުރާރު ކުރައްވާ ނަމަ، ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އޭގެ ފަހުން ޔާމީން ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވި ނަމަވެސް، ރޭ ޕީއެންއެފްގެ އޮފީސް ގާއިމްކުރުމާ އެކު އެ އޮފީހަށް ވަޑައިގެން، އަނެއްކާވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ފައްޓަވާފަ އެވެ. 
ބުނީ ކީކޭ؟ - ކަރެކްޝަންސް އިން 'ދައުރު' އަށް ބުނީ، ޔާމީން ރޭ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އަޅާނެ ކަަމަށެވެ.
ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވާކަން އެމަނިކުފާނުގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ފަހު، ރޭ 9:30 އިން ފެށިގެން، އެ ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ.
ފޯމު ފުރުމުގެ ކަންކަން ކުރަމުންދަނީ ކުރިން ޕީޕީއެމްގެ އޮފީސް ހިންގި ހ. ހުރަފާގަ އެވެ. ޕީޕީއެމްގެ އޮފީސް ހުސްކުރުމާ އެކު އެތަނުގައި ޕީއެންއެފްގެ އޮފީސް ރޭ ގާއިމުކޮށް ފޯމު ފުރުމުގެ ކަންކަން ކުރިއަށް ދަނިކޮށް ޔާމީން ވަނީ އެތަނަށް ވަޑައިގެން އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. އެ މަންޒަރު ފެންނަ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.
ފާޓީ އުފެއްދުމަށް ބޭނުންވާ ފޯމު ހަމަކުރުމުގެ ކަންކަން ހުރަފާގެ ތިންވަނަ ފަންގިފިލާގައި ކުރިއަށް ދިޔަ ވަގުތު ޔާމީން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދާ އެކު އެ އޮފީހުގައި އިންނެވި ތަން ފެންނަ ފޮޓޯއެއް، ޕީއެންއެފް އުފެއްދުމަށް ޔާމީންއާ އެންމެ ގާތުން މަސައްކަތް ކުރައްވާ ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ އެކްސްގައި އާއްމު ކުރައްވާފަ އެވެ. 
އެނގުން މުހިންމު - އާ ޕާޓީ ރަޖިސްޓްރީ ކުރަނީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ. ނަމަވެސް ޔާމީން އަކީ ޕާޓީގެ އެއް މުއައްސިސް އެވެ. 
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން، ސިޔާސީ ޕާޓީއެއްގެ އާއްމު މެމްބަރަކަށް ވެވުނަސް، ޕާޓީން ހިންގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ