އިސްލާމީ އަގީދާއަކީ އީމާންކަމުގެ އަސާސަށްވާއިރު އެ އަސާސުގެ މައްޗަށް ދަރިން ތަރުބިޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
“އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ،
ކުދިންގެ ޅަފަތުގައި އެ ކުދިންނަށް ކިޔަވައި ދިނުމަށް މައިންބަފައިން ހިތްވަރާއެކު މަސައްކަތް ފަށާ ކަމަށާއި ގަޑިންގަޑިއަށް އެ ކުދިން ސްކޫލަށް ފޮނުވުމާއި ގުރުއާން ކިލާސްތަކަށް ގެންދިއުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާ ކަމަށެވެ. އަދި ބައެއް ފަހަރު ޓިއުޝަން ދިނުމަށް ބޮޑެތި އުޖޫރަ ދީގެން މުދައްރިސުން ގެއަށް ގެނެސް ނުވަތަ ޓިއުޝަން ކިލާސްތަކަށް އެ ކުދިން ފޮނުވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް މިހާރަކަށް އައިސް އެ ބުރަ މަސައްކަތާއި ބޮޑެތި ހަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބައެއްގެ ފޮނި އުއްމީދުތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލުވަމުން ނުދާ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެންނައިރު، ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބާއްވާ ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ނުކުރެވޭ އެއް ކަމަކީ އެ ކުދިންނަށް އިސްލާމީ އަގީދާއާއި ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށް ނުދެވުން ކަމަށާއި އެހެނީ އަގީދާއަކީ އީމާންކަމުގެ އަސާސަށްވާއިރު އެ އަސާސުގެ މައްޗަށް ދަރިން ތަރުބިޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށެވެ. އަދި ސައްހަ އަގީދާއަކާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއްވެސް ނުކުރާނެ ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްވުމާއި މާޔޫސްވުން ފަދަ ކަންތައްތަކުން އޭނާ ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާ ކަމަށާއި އެއީ އޭނާ މާތް ﷲގެ ގަޟާގަދަރަށް އީމާންވެ، އެކަލާނގެއީ ތައުބާވާމީހުންގެ ތައުބާ ގަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަން ގަބޫލުކުރާތީ ކަމަށްވެސް ބުންޏެވެ.
ދުންޔަވީ ގިނަ މާއްދާތައް ކިޔަވައި ދިނަސް، އިސްލާމީ އަގީދާ ފޯރުކޮށް ނުދީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ