މުލިއާގެ މަރާމާތުކުރަނީ ގެއްލުމެއް ނުވާ ގޮތަށް: މިނިސްޓަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވުމަށް ރިޔާސީ ގަނޑުވަރު -- މުލިއާގެ މަރާމާތުކުރަނީ އެތަނުގެ އަސްލަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ކަމަށް މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތުކުރާ ވާހަކަ ސަރުކާރުން އިއުލާންކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުލިއާގެއަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ސާގާފީ ތަރިކަ ގާނޫނުގެ ދަށުން ދަފްތަރުކޮށްފައިވާ، މާލޭގެ މުހިއްމު ތާރީހީ ބިނާއެެއް ކަމަށެވެ.މުލިއާގެ މަރާމާތުކުރާއިރު އެތަނުގެ މައިގޭގެ އަސްލަށް ބަދަލު ގެނެވިގެން ނުވާނެ ކަމަށާއި އަދި ފަހުގެ ބައިތަކަށްވެސް ބަދަލު ގެެނެވޭނީ ހެރިޓޭޖު މިނިސްޓްރީއާ މަޝްވަރާކުރެވިގެން ކަމަށްވެސް ދުންޔާ ވިދާޅުވެފައިވެ އެވެ. އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މުލީއާގެ މަރާމާތު ކުރަނީ އެތަނުގެ އަސްލު ނުގެއްލޭނެ ގޮތަށް ކަމަށެވެ. އެ މަރާމާތުން އެއްވެސް ގެއްލުމެއް ވެސް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ."އެ އިމާރާތަކީ ގިނަ ދުވަސްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ހުރީމާ އެ މަސައްކަތް މިހާރު ކުރަނީ. އެ މަރާމާތުތައް ކުރަނީ އެ ތަނުގެ އަސްލު ސަލާމަތް ކުރުމަށް. އެހެންވީމާ، އެއީ އެތަނަށް ދެވޭ ފަރުވާއެއް،" މިނިސްޓަރު ވިދާޅުވި އެވެ."މުލިއާގެއަކީ ވަރަށް ދުވަސްވީ ތާރީހީ ތަރިކައަކަށް ވާތީ ހަގީގަތުގައި އަޅުގަނޑުމެން މިކުރާ ކަމަކީ އެތަނަށް ދޭންޖެހޭ ފަރުވާ ދިނުން. އެތަން ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.މުލިއާގެ އަކީ ޝަމްސުއްދީން ރަދުން އެ ރަދުންގެ ދަރިކަލުން އަދި އޭރުގެ ވަލީއަހުދު -- އިއްޒުއްދީނަށް ބިނާކޮށްދެއްވި ގަނޑުވަރެކެވެ. ހާއްސަ މައުލޫދެއް ކިޔައި ރަސްމީކޮށް މުލިއާގެ ހުޅުވީ ޑިސެމްބަރު 7، 1919 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ