ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް، 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރަށް

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން މިއީ މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން ރާއްޖެ އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިންއާއި އުމުރުން 32 އަހަރުގެ މަމުން ދަލި ކަމަށެވެ. އެ މީހުންނަށް ކުރާ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރުމެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، ޖުމްލަ 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެ އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ