ޕީޕީއެމް އޮފީސް ރައީސް ޔާމީނާ ހަވާލު ކުރަން ހުކުމަކު ނެތް: މައުމޫން

ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ނުވާ ކަމަށާއި އެ ހުކުމް އިސްތިއުނާފު ކުރެވެންދެން އެ ހުކުމަށް އަމަލު ކުރަން ފަސްކުރަން އެދޭ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުމޫން ވިދާޅުވީ ސިވިލް ކޯޓުން ކުރި އަމުރުގައި އިޝާރާތްކޮށްފައިވާ މުސްތަޝާރުގެ މަގާމަކީ ރަމްޒީ މަގާމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ)އާ ހަވާލާ ދެއްވައި މައުމޫން ވިދާޅުވީ އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ ހިންގުމުގެ އެއްވެސް ކަމެއްގައި ޝާމިލު ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެ، ދައްކަމުންދާ ވާހަކަތަކަކީ ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި ސިވިލް ކޯޓުން މިއަދު ކުރި ހުކުމަކީ އެފަދަ ކަންތައްތަކެއް މައްޗަށް ބިނާކޮށް ހުރި ހުކުމެއް ކަމަށެވެ. "ކޯޓުގެ ހުކުމުގައެއް ނެތް ޕާޓީ އޮފީސް ހިންގުން ވަކި ފަރާތަކަށް ހަވާލުކުރާކަށެއް. އެހެން އޮއްވާ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި، މިހާރު ނައިބު ރައީސެއް ނޫން. އެއީ އަބްދުރަހީމް އަބްދުﷲ ފޯނު ކުރައްވާފައި މި ވިދާޅު ވަނީ ތިމަންނާ މި ދަނީއޭ ޕާޓީގެ މުޝްތަޝާރު ވިދާޅުވެގެން ޕާޓީ އޮފީހާ ހަވާލުވާ. ދެން އެއީ ނެތް ކަމެއް ދެއްތޯ. އަޅުގަނޑު ވަރަށް މައާފާ އެކު މި ދަންނަވަނީ އެހެނެއް އެކަމެއް ނުހިނގާނޭ. ޕާޓީ އޮފީސް ވަކި ފަރާތަކަށް ހަވާލުކުރާކަށް ކޯޓުގެ ހުކުމުގައި ބުނެފައެއް ނެތޭ،" މައުމޫން ވިދާޅުވި އެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ރައީސް މަގާމުން އެކަހެރި ކުރެވޭނެ ގޮތްތައް ނުވަތަ ޕާޓީގެ ރައީސްގެ މަގާމު ގެއްލޭނެ ސަބަބުތައް އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 55ވަނަ މާއްދާއާ ހަވާލާ ދެއްވާ މައުމޫން ވިދާޅުވި ޕާޓީގެ ރައީސްގެ މަގާމުން ވަކިވާނީ ޕާޓީގެ ރައީސްގެ މަގާމު މުއްދަތު ހަމަވުމުންނާއި ޝަރުއީ ކޯޓަކުން ޖިނާއީ ކުށެއްގެ ހުކުމެއް އިއްވުމުންނާއި އިތުބާރު ނެތް ކަމުގެ ވޯޓަކުން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތީން އިފްލާސް ކުރުމާއި މަގާމުގެ މަސްއޫލިއްޔަތު ދާއިމީ ގޮތެއްގައި އަދާ ނުކުރެވޭނެ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ޕާޓީގެ ރައީސްގެ މަގާމު ގެއްލިގެންދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ހާލަތެއް މެދުވެރި ނުވާ ހިނދު ޕާޓީގެ ރައީސްގެ މަގާމު ގެއްލިގެން ނުދާނެ ކަމަށް ރައީސް މައުމޫން މިއަދު ވިދާޅުވި އެވެ. "އެހެންވީމަ މިއިން އެއްވެސް ކަމެއް މެދުވެރިވެފައި ނެތި ކިހިނެއްތޯއޭ ކޯޓުން ހުކުމެއް ކުރައްވާނީ އެކަހެރި ކުރަން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމާ އެއްގޮތަށް ޕާޓީގެ މުޝްތަޝާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ޕާޓީ ހިންގުން ހަވާލުކުރައްވައިފިނަމަ ޕާޓީ އުފެއްދި އަސްލު މަގުސަދު ގެއްލިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕާޓީ ހިންގުން ގައުމުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހިންގާ ގޮތަށް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ