އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
އެ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ގޮތެއް ނިންމުމުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްއަށް ހާޒިރުވެވަޑައިނުގެންނެވޭ ހިނދެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމްވާނެކަމަށް ކަނޑައަޅައިދެއްވުމަށް އެދިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނޫނީ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާތި، މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދެއްވުމަށް އެދިއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާން އަދި ޤާނޫނީ ވަކީލް އަނަސް އަބްދުލް ސައްތާރުވަނީ އެ މައްސަލަ ކޯޓުން ބަލައިގެންފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އަނަސް ވިދާޅުވީ މައްސަލަ ހުށަހެޅުމުގެ ހުއްދަވެސް ދީފައި ކަމަށެވެ. މިއީ، އެ ކޯޓުން އަވަސް ނިޔާ ކަނޑައަޅަންޖެހޭނެ މައްސަލައެކެވެ.
އެމްޑީޕީގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ އިއްޔެ އަދި މިއަދުގެ ޖަލްސާއަށް ވެސް އޮތީ އެޖެންޑާކޮށްފައެވެ. ނަމަވެސް، ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމަވައިފައެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން އަންނަނީ ތައްޔާރުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމާ، އިންތިހާބީ ރައީސްގެ ހުވާކުރުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަކަށް އެމްޑީޕީން ނުދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ