ވަޒީރުންނަށް ވީހާ ވެސް އަވަހަކަށް ރުހުން ދޭން ގާސިމް ގޮވާލައްވައިފި

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުންނަށް ވީހާ ވެސް އަވަހަކަށް ރުހުން ދިނުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިދިޔަ މަހުގެ 17ގައި ހުވާކުރެއްވުމަށް ފަހު، އެމަނިކުފާނުގެ ކެބިނެޓަށް 22 ވަޒީރުން އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ވަނީ ފޮނުއްވައިފަ އެވެ.
ވަޒީރުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ:
ހުރިހާ ބޭފުޅުންގެ ވެސް ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށް 
ނަމަވެސް އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ކޮމިޓީން ފާސް ކުރީ ކޮންމެ ވަޒީރަށް ވަކިވަކިން ވޯޓަށް އަހަން
މިނިސްޓަރުންނަށް ރުހުން ދޭން މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައިވީ ނަމަވެސް، މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވާތީ އާއި ކޮމިޓީ ރިޕޯޓުގައި މަޖިލީހުގެ ގަވައިދުގައި ބުނާ ކަންކަން ފުރިހަމަ ނޫން ކަމަށް ބުނެ، ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ބެހޭ ގޮތުން ގާސިމް ވާހަކަދެއްކެވީ، ރައީސް އާއި ނައިބު ރައީސް ފަސޭހައިން މަގާމުން ދުރުކުރެވޭ ގޮތަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހާ މެދު ބަހުސް ކުރުމަށް މިއަދުގެ ޖަލްސާގައި ލިބިވަޑައިގެންނެވި ފުރުސަތުގަ އެވެ.
ރައީސަކު އިންތިހާބު ކުރުމަށް ފަހު އަދި ކެބިނެޓަށް ވެސް ރުހުން ނުދެވިގެންކަން އުޅޭކަން ފާހަގަކުރައްވައި ގާސިމް ގޮވާލެއްވީ، އެކަން ވީހާ ވެސް އަވަސް ކުރުމަށެވެ.
"އަޅުގަނޑު ދަންނަވާނީ ހަމަ މިހާރު މަޖިލީހުން ކުރަން ޖެހޭ ކަމެކޭ ވަޒީރުންނަށް ރުހުން ދިނުން. ވަޒީރުންނަށް ރުހުން ދޭން ބަލާލާއިރު މީގައި އަޅުގަނޑު ގަބޫލުކުރާ ހިތްވާ ގޮތުގައި ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވޭ މިނިސްޓަރެއްގެ ގައިގައި ހުންނަންވީ ޝަރުތުތައް،" އޭނާ ވިދާޅުވި އެވެ.
އެ ޝަރުތުތައް ހަމަވާ ނަމަ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ރައީސް މުއިއްޒު އައްޔަންކުރައްވާފައިވާ ކެބިނެޓަށް މަޖިލީހުގައި ތިބި ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އޭގެ ފަހުން މިނިސްޓަރަކު ގޯހެއް ހަދާ ކަމަށްވާ ނަމަ، އެކަމާ މެދު އަޅުގަނޑުމެންނަށް ސުވާލުކޮށް، ޒިންމާދާރު ކުރުވުމަށް، އެ މީހުން ގެނެސް ސުވާލުކޮށްގެން ކަންތައްތައް ކުރިއަށް ގެންގޮސް ނޯ-ކޮންފިޑެންސް ވޯޓު ނެގިދާނެ،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ރައީސް އާއި ނައިބު ރައީސް ފަސޭހައިން މަގާމުން ދުރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ، އިދިކޮޅުން އެކަން ކުރަނީ "އެ ގޮތް މި ގޮތަށް އޮޅުވާލައިގެން ކަންތައްތައް ކުރު"މަށް ކަމަށެވެ.
ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރުންގެ އަދަދު ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ކަމަށާއި، މަޖިލީހުގެ ގަވައިދަށް ގެންނަ ބަދަލަކުން އެ އަދަދު ބަދަލު ނުކުރެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހަމަ ކުއްލިއަކަށް މިހާރު ފެންމަތިވެގެން މި އުޅެނީ އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ވެސް އެކުލަވާނުލެވިގެން އުޅެނިކޮށް، ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލު ކުރުމާ ބެހޭ ގޮތުން ހުރި މާއްދާތަކަށް ބަދަލު ގެނެސްގެން، ފަސޭހަ ކޮށްގެން، ލުއި ކޮށްގެން، އެ ގޮތް މި ގޮތަށް، ގާނޫނުއަސާސީއާ ހިލާފަށް އެކަން ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވާޖިބެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑު ދަންނަވަން ހުއްޓާލައްވާށޭ މިހާރުން މިހާރަށް."
އެނގުން މުހިއްމު - ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަކި ކޮޅެއްގައި ޖެއްސުމަށްޓަކައި މަޖިލީހުގެ ދައުރު ދިގު ދަންމާލަން މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ވަނީ ނިންމާފަ އެވެ.
އިތުރަށް ކިޔާލަން -
މެންޑޭޓް ނުފޮނުވާތީ ކެބިނެޓަށް ރުހުން ދިނުން އަނބުރާ ކޮމިޓީއަށް
އެމްޑީޕީން ފުރަތަމަ ކުރަންވީ ކަމަކީ ކެބިނެޓަށް ރުހުން ދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ