ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ރެކޯޑް ގޯލުތަކާ އެކު ޕޯޗުގަލް އިން 5-0 އިން އުޒްބެކިސްތާން ބަލިކޮށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ހެދި ދެ ރެކޯޑަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފްވެރި ރެކޯޑާއި ވޯލްޑް ކަޕްތަކުގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ.
ގްރޫޕް ކޭގައި ފުރަތަމަ ކުޅުނު މެޗުން ޕޯޗުގަލް ވަނީ 1-1 އިން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާ އެއްވަރުވެފަ އެވެ. އެހެންވެ، މި މެޗުގައި އުޒްބެކިސްތާނާ ކުޅޭ މެޗަށް ނުކުތްއިރު، ޕޯޗުގަލް އަށް އޮތީ މޮޅުވުން މަޖުބޫރުވެފަ އެވެ. މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ އުޒްބެކިސްތާން އިން ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 3-1 އިން ބަލިވީ އެވެ.
ކޮންގޯ މެޗެކޭ އެއްގޮތަށް ޕޯޗުގަލް އިން ވަނީ މި މެޗުގައި ވެސް ހަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ޖޮއާއޯ ކަންސެލޯ އޭރިއާތެރެއިން ނެގި ހުރަހަކުން ރޮނާލްޑޯ އެވެ. މި ލަނޑާ އެކު ރޮނާލްޑޯ ވެފައިވަނީ، ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދެ ވަނަ އަށް އެންމެ ދުވަސްވީ ކުޅުންތެރިޔާގެ އިތުރުން، ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިއަކީ، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެމެރޫނަށް 42 އަހަރުގައި ލަނޑު ޖަހައިދިން ރޮޖާ މިލާ އެވެ.
ޕޯޗުގަލް އިން ލީޑުނެގުމުގެ ކުރިން ލަނޑު ޖަހާނެ ދެ ފުރުސަތެއް ނަގާލި އެވެ. އެ ގޮތުން، ބްރޫނޯ ފެނާންޑޭސް، އޭރިއާތެރެއިން ޖެހި ބޯޅަ ކުޅުންތެރިއަކު ގައިގައި ޖެހިފައި ހުރަސް ދަނޑިމަތިންދިޔައިރު، ނޫނޯ މެންޑޭޒް ނެގި ހުރަހަަކަށް އަރައި ރޮނާލްޑޯ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
މެޗުގައި ޕޯޗުގަލް އިން ލީޑުފުޅާކުރީ، 17 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ނޫނޯ މެންޑޭޒް ޖެހި ގޯލުންނެވެ. އޭރިއާރޮނގުކައިރިން މެންޑޭޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެެވެ.
އުޒްބެކިސްތާނުން ހައިޑްރޭޝަން ބްރޭކަށް ފަހު މެޗުގެ ތެރެއަށް ވަދެ ރަނގަޅު ކުޅުމެއް ދައްކައި ގޯލެއް ޖެހި އެވެ. އެ ގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި އުޒްބެކިސްތާންގެ އަޒިޒްޔޯން ގަނީއޭވް، އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލި އެވެ. އެހެން ނަަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީގައި ހުރި މޮނީޓަރުން ބެލިއިރު، އެ އެޓޭކުގައި އުޒްބެކިސްތާންގެ އަބޯސްބެކް ފަޒުލޭވް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ޖޮއާއޯ ކަންސެލޯ އަށް ފައުލުކުރުމުން ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ.
ރޮނާލްޑޯ، ޕޯޗުގަލްގެ ތިން ވަނަ ގޯލު ޖެހީ، 39 ވަނަ މިނިޓްގަ އެެވެ. މިއީ، ބްރޫނޯ ފެނާންޑާސް ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ރޮނާލްޑޯ ޖެހި ގޯލެކެވެ. މިއީ، ޕޯޗުގަލް އަށް ހަ ވޯލްޑް ކަޕްގައި ކުޅެގެން ރޮނާލްޑޯ ޖެހި 10 ވަނަ ގޯލެވެ. މިއާ އެކު، ރޮނާލްޑޯ އަކީ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ނުވަ ލަނޑު ޖަހާފައިވާ ލެޖެންޑަރީ ފޯވާޑް. އުސޭބިއޯ އަތުގަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 60 ވަނަ މިނިޓްގައި ޕޯޗުގަލް އިން ހަތަރު ވަނަ ލަނޑު ޖެހި އެވެ. މިއީ، ބްރޫނޯ ފެނާންޑޭސް ނެގި ކޯނަރެއް ދިފާއުުކުރަން އުޅުމުގެ ތެރޭގައި އުޒްބެކިސްތާންގެ ޑިފެންޑަރު، ކުސާނޯވް އާއި ކީޕަރު، އަބްދުލްވާހިދު ނެމަޓޯވް އަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެ ފަހުން ހެޓްރިކް ފުރިހަމަަ ކުރަން ރޮނާލްޑޯ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ކީޕަރު ނެމަޓޯވް ވަނީ މަތަކޮށްފަ އެެވެ. ބެންޗުން އަރައި މެޗުގެ 87 ވަނަ މިނިޓްގައި ޕޯޗުގަލްގެ ފަސް ވަަނަ ލަނޑު ޖެހީ ރަފައެލް ލެއާއޯ އެވެ.
މި ނަތީޖާއާ އެކު، ޕޯޗުގަލް އިން ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކޮލަމްބިއާ އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކޮންގޯ އަށް ވަނީ އެއް މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. އުޒްބެކިސްތާނުން ތާވަލުގެ ފުލުގައި އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބި އެވެ.
ރޮނާލްޑޯގެ ދެ ރެކޯޑާ އެކު ޕޯޗުގަލް އަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ