ސަންޕާ ސަރަޙައްދަށްދާ އުޅަނދުތައް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ވާންޖެހޭ

"ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) އަށް ވަންނަ އުޅަނދުތަކަކީ އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއީ އަރިއަތޮޅު ދެކުނުބުރީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު (ސަންޕާ) މެނޭޖްމަންޓް ޕްލޭންގެ ދަށުން ތަންފީޒުކުރުމަށް ނިންމާފައިވާ މުހިންމު ނިންމުމެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ 2025 ވަނަ އަހަރު ސަންޕާ ސަރަޙައްދު ބެލެހެއްޓުމުގެ ޚާއްޞަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުހްސިނާ ވިދާޅުވި ގޮތުގައި މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމެވެ. އެގޮތުން، އެއްވަގުތެއްގައި އެ ސަރަޙައްދަށް ވަންނަ އުޅަނދުތަކާއި މީހުންގެ އަދަދު ކޮންޓްރޯލްކުރުމުގެ އިތުރުން، އުޅަނދުތައް ދުއްވަންޖެހޭ ބާރުމިން ވަނީ ވަކި މިންގަނޑެއްގައި ހިފަހައްޓަން ނިންމާފައެވެ. މި ޕްލޭން އެކުލަވާލާފައިވަނީ އެ ސަރަޙައްދުގައި މިހާރު ހުރި ތިމާވެށީގެ މައްސަލަތަކަށް ރިއާޔަތްކޮށް، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް އަމާޒުކޮށްގެންނެވެ.
ސަންޕާ ސަރަހައްދަށް ވަންނަ އުޅަނދުތައް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭނެކަން މުހްސިނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ބައެއް އުޅަނދުތަކަކީ ޓްރާންސްޕޯޓް ގަވާއިދުތަކާ ޚިލާފަށް އަދި ލައިސަންސް ނެތް ފަރާތްތަކުން ދުއްވާ އުޅަނދުތަކެކެވެ.
މެނޭޖްމަންޓު ޕްލޭންގެ ދަށުން އުޅަނދުތަކުގެ ބުރަފަތީގައި "ޕްރޮޕެލާ ގާޑް" ހަރުކުރުން މިމަހުގެ 30 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.
އެ ސަރަޙައްދަށް ގެސްޓުން ގޮވައިގެންދާ ގައިޑުން މެނޭޖްމަންޓް ޕްލޭނަށް އަހުލުވެރިވުމަށްފަހު ޚާއްޞަ ޓެސްޓެއް ހަދަންޖެހޭނެކަމަށާއި ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ މި ޓެސްޓުން %75 އަށްވުރެ މަތިން މާކްސް ލިބުމުންކަމަށް ވިދާޅުވިއެވެ.
މުހްސިނާ ވިދާޅުވީ ގައިޑުންނަކީ ރެސްކިއު ޑައިވަރުންނަށް ވުމުގެ އިތުރުން، "އިމަޖެންސީ ފަސްޓް ރެސްޕޮންސް" ސެޓިފައިޑް ބަޔަކަށް ވާންޖެހެއެވެ. އަދި ގައިޑުންނަށް ފެހުރި ބެލުމަށް އެއްފަހަރާ ގެންދެވޭނީ ގިނަވެގެން 6 މީހުންކަމަށާއި އެ ސަރަޙައްދުގައި އުޅަނދު ދުއްވޭނެ އެންމެ ބާރުމިނަކީ 10 ނޮޓްސްކަމަށް ވިދާޅުވިއެވެ.
މެނޭޖްމަންޓު ޕްލޭންގައި އެސަރަޙައްދަށް ވަދެވޭނެ އުޅަނދުތަކުގެ ސައިޒުތައްވެސް ވަނީ ހިމަނާފައެވެ. އެގޮތުން 10 ފޫޓަށްވުރެ ކުދި އުޅަނދުތައް އެ ސަރަޙައްދަށް ވަނުމަކީ މަނާކަމެކެވެ. މިއީ ސަންޕާ ސަރަޙައްދުގެ ދިރުންތަކާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްކަމަށް މުހްސިނާ ވިދާޅުވިއެވެ.
"މެނޭޖްމަންޓު ޕްލޭންގައި އަދިވެސް އެބަހުރި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން. ފަށައިގެންއިރުވެސް މިތަން ބޭނުންކުރާ ފަރާތްތަކަށްވެސް ދެންނެވިން އެށްކޮށް ފަށައިގެން އިރަށް އޮންނާނެ ޕްލޭނެއް ނޫނޭ. މީހުން މިޔަށް ބޯލަނބާ މިންވަރަށް ބަލާފައި ބައެއް ކަންކަން އިތުރުވެސް ވާނޭ، އަދި ބައެއްކަންކަން މަދުވެސް ކުރެވޭނެ. މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ވަކިވަރަކަށް ވުރެއް ބޮޑެތި އުޅަނދުތައް އެސަރަޙައްދަށް ވަނީމަވެސް ދަތިތަކާއި ކުރިމަތިވޭ" މުހްސިނާ ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ސާވޭ އެންޑް ރިސާޗް، އަޙްމަދު ޝާން ވިދާޅުވީ 42 ކިލޯމީޓަރުގެ އެ ސަރަޙައްދު ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މެނޭޖްމަންޓް ޕްލޭނާއެކު އެ ސަރަޙައްދުގައި މިހާރު ރޭންޖަރުން ހަރަކާތްތެރިވާން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާން ވިދާޅުވީ، މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރަން ފެށުމުގެ ކުރިން ފެހުރިހި ބަލަން ފައިބާ މީހުން ގިނަވެ، އެ ސަރަޙައްދު ވަރަށް ބޮޑަށް ތޮއްޖެހޭ ކަމަށެވެ. އެހެންނަމަވެސް، އައު ޕްލޭނާއެކު އެކަންކަން އިސްލާހުވެ، ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ސަންޕާ ސަރަޙައްދުގައި ފާއިތުވި އަހަރުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، އެ ސަރަޙައްދުން 8,000 އަށް ވުރެ ގިނަ ފަހަރު ފެހުރިހި ފެނިފައިވާ ކަމަށް ޝާން ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުން އެކަނިވެސް ވަކިވަކި 723 ފެހުރިހި ދެނެގަނެވިފައި ވާކަން އޭނާ ހާމަކުރެއްވިއެވެ. މިއީ ތަކުރާރުކޮށް އެ ސަރަޙައްދުން ފެންނަ ފެހުރިހިތަކެއްކަން ފާހަގަކުރައްވަމުން، އަހަރުގެ ކޮންމެ ދުވަހަކުވެސް ފެހުރިހި ފެންނަ މި ސަރަޙައްދަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެއްކަމަށް ޝާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ