ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަނީ، ސަމާލުވުމަށް އެދެފި

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަވެފައެވެ. ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެދިފައެވެ. އަދި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ. ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްވެސް ކޮށްފައެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޚިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓް ކުރުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ