ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ރައީސް އެދިވަޑައިގެންފި

ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިހެން އެދިވަޑައިގަތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، މުއައްސަސާގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އިސްކަންދީގެން ޚިދުމަތްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުން އަދާކުރާ މުހިންމު ދައުރަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްއާއި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށާއި، ރާއްޖޭގެ އަމަންއަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ