ފްލެޓުތައް ވަނީ ނިމުމަކާއި ގާތްވެފައި، ފެނާއި ކަރަންޓު ގުޅައި ޖުލައި މަހު ނިމޭވަރަކުން ހަވާލު ކުރާނަން: މުއްތަލިބު

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 4000 ފްލެޓުތަކުގެ ތެރެއިން، ކޮންމެ ތަނެއްގެ މަސައްކަތް ނިމޭ ވަރަކުން ތަން ހަވާލު ކުރުމަށްކަމަށްވުމާއި އެކު ޖުލައި މަހުގެ ތެރޭގައި އެ މަރުހަލާތައް ފެށޭވަރުވާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ކުރިއަށްގެންދާ 4000 ފްލެޓުގެ މަޝްރޫއު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިއުލާނުކޮށްފައި ވަނީ ކުރީ ސަރުކާރުންނެވެ. އަދި މަޝްރޫއުގެ ދަށުުން ފްލެޓު ލިބޭ މީހުންކަމަށް ބުނެ ލިސްޓެއް އިއުލާނު ކުރީ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގަ އެވެ. އަދި މި ސަރުކާރުން ވަނީ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، ހައްގުވެރިންނަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މަސައްކަތްތައް ނުހުއްޓި ކުރިޔަށް ދާއިރު، ސަރުކާރުން މީގެ ކުރިން ވެސް އަންދާޒާ ކުރީ އަހަރުގެ މެދެއްހާ ހިސާބުގައި މަޝްރޫއުގެ އެކި ބައިތައް ނިންމާލެވޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރެއް ދަނީ އިމާރާތް ކުރަމުންނެވެ. އަދި ފްލެޓުތައް ނިންމުމަށް އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު މީގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެން ދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) ކުންފުނިންނެވެ.
”އަމާން އުދަރެސް“ ނަންދީ އެ ފްލެޓުތައް ކުރިޔަށް ގެންދާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެންބީސީސީ) އަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ފްލެޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބުގެ ކަންކަން ގާތުން ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފްލެޓުތަކުގެ މަސައްކަތް ނިމޭ ވަރަކުން، ޝަރުތު ހަމަވެ ފްލެޓު ލިބޭ ފަރާތްތަކާއި ތަން ހަވާލު ކުރުމަށް ނިންމަވާފައި ވާތީ އެ އަމާޒަށް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވާފަ އެވެ.
މަޝްރޫއު ކުރިޔަށް ދާ ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ ފްލެޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަތީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި އަދި ހުރި ކަންބޮޑުވުންތަކާއި އެކު ކަމަށެވެ. މުއްތަލިބު ވިދާޅުވީ ބައެއް ތަންތަނުގެ މަސައްކަތް ވެސް ނިމުމަކާއި ގާތްވެފައިވުމާއި އެކު، ފްލެޓުތައް ނިމޭ ވަރަކުން ތަން ހަވާލު ކުރުމަށް ސަރުކާރުން ގަސްދު ކުރާތީ އެމަނިކުފާނު ބޭނުންފުޅުވީ މަސައްކަތައް ނިންމުމަށް ހިތްވަރު ދެއްވުމަށް ކަމަށެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، މަސައްކަތް ކުރިޔަށް ދިޔަ ސްޕީޑާއި މިހާރުގެ ސްޕީޑާއި އަޅާބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ޓާގެޓަކީ ޖުލައި މަހުގެ ތެރޭގައި ފްލެޓުތަކަށް މީހުންނަށް ވަދެވޭ ވަރުވުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ފްލެޓަށް ޝަރުތު ހަމަވެ، ފްލެޓު ލިބޭ ފަރާތްތަކާއި އެކު ވަރަށް އަވަހަށް އެގްރިމެންޓުތައް ހަދާނެކަމަށެވެ.
ހަގީގަތުގައި ސަރުކާރު ހަވާލުވިއިރު މަސައްކަތް ހުރިވަރާއި ބަލާއިރު ބާރަށް މަސައްކަތް ކުރިޔަށް ގެންގޮސް ބައެއް ޓަވަރުތަކުގެ މަސައްކަތް މިހާރު ނިމި އަޅުގަނޑުމެންނަށް ޖުލައި މަސް ތެރޭގައި ކޮންޓްރެކްޓު ހެދެމުންދާ މިންވަރަކުން ޓަވަރުތަކަށް މީހުން ވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނ.. އަޅުގަނޑުމެން މިހާރު މިދަނީ އެ ފަރާތްތަކާއި އެކީގައި އެގްރިމަންޓު ކުރުމަށް ކުރަންޖެހޭ އިދާރީ މަސްތެރޭގައި އެންމެ ލަސްވެގެން ހަދައި އެ ފްލެޓުތައް ލިބޭ ފަރާތްތަކަށް ފްލެޓުތަކަށް ވެއްދެން ފަށާނެ..
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކޮންޓްރެކްޓުކޮށްފައި އޮތް ގޮތުން ފެނާއި ކަރަންޓުގެ ހިދުމަތް އޮތީ ވަކިން ގުޅައިދޭ ގޮތަށް ކަމަށެވެ. އެހެންކަމުން ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާއި އެ މަސައްކަތައް ހަވާލު ކުރެވި އެ ކުންފުނިތަކުން ވެސް ފްލެޓުތަކުގައި ކުރަން ޖެހޭ މަސައްކަތައް ކުރަމުން ގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މަސައްކަތްތައް ނިމުމާއި ގާތްވެފައިވީ ނަމަވެސް ފިނިޝިންގެ މަސައްކަތް ކުރިޔަށް ދާ ނުވަަ ނިމިފައި ހުރި އެއްވެސް ފްލެޓެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ