އިންޑިއާގެ ސިޔާސީ މަސްރަހަށް މިހާރު ވަނީ އާދަޔާ ހިލާފު އާ "ސުޕަސްޓާރެއް" ތައާރަފުވެފައެވެ. އެއީ އެ ގައުމުގެ ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ "ކޮކްރޯޗް" ނުވަތަ ކުރަތްޕެވެ. މިއީ ސިޔާސީ ކަންކަމަށް މަލާމާތްކޮށް، ފާޑުކިޔުމަށް އުފައްދާފައިވާ ހަރަކާތެއް ނަމަވެސް، އެންމެ ހަފުތާއެއްގެ ތެރޭގައި މި ހަރަކާތަށް ވަނީ މިލިއަނުން ފޮލޯވަރުން ލިބި، ތަޖުރިބާކާރު ސިޔާސީ ވެރިންގެ ސަމާލުކަން ހޯދާފަ އެވެ.
މި ހަރަކާތް އުފަންވީ އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ކޯޓުގެ އަޑުއެހުމެއްގެ ތެރޭގައި، ވަޒީފާއެއް ނެތި ނޫސްވެރިކަމާއި އެކްޓިވިޒަމްގެ ތެރެއަށް ވަންނަ ޒުވާނުންނަކީ ކުރަފި ނުވަތަ ފަންޏެއް ފަދަ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ނުރުހުމެއް އުފެދުނެވެ. ފަހުން އޭނާ އެކަން ސާފުކޮށްދެއްވަމުން ވިދާޅުވީ އެއީ ހަމައެކަނި "ވަގު ސަނަދު" އޮންނަ މީހުންނަށް ނިސްބަތްކުރެއްވި ބަހެއް ކަމަށެވެ. ނަމަވެސް، އޭރު އޮތީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ނަމުގައި ސިޔާސީ ހަރަކާތެއް އުފެދިފައެވެ.
މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް މަލާމާތްކޮށް ކިޔާ ނަމެކެވެ. ސީޖޭޕީއަކީ ރަސްމީ ސިޔާސީ ޕާޓީއެއް ނޫނެވެ.
މިއީ ބޮސްޓަން ޔުނިވާސިޓީގައި ކިޔަވަމުންދާ އަބީޖީތު ދިޕްކޭ އިސްވެ ހުރެ އުފެއްދި އޮންލައިން ހަރަކާތެކެވެ. މި ހަރަކާތުގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ވަޒީފާއެއް ނެތުމާއި، ކަންނެތްވުމާއި، އަބަދު އޮންލައިންގައި އުޅުމާއި، ފަންނީ ފެންވަރެއްގައި ޝަކުވާކުރަން އެނގުން ހިމެނެއެވެ.
މި ހަރަކާތް ވަނީ ހީނުކުރާހާ ބާރަށް ފެތުރިފައެވެ. މިހާތަނަށް އެތައް ހާސް ބަޔަކު މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާއިރު، އިދިކޮޅު ލީޑަރުން ވެސް ދަނީ މި ހަރަކާތަށް ތާއީދުކުރަމުންނެވެ. އިންސްޓަގްރާމްގައި ސީޖޭޕީގެ ފޮލޯވަރުންގެ އަދަދު 10 މިލިއަނަށް އަރާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ބީޖޭޕީގެ އިންސްޓަގްރާމް ފޮލޯވަރުންނަށްވުރެ ގިނަ އަދަދެކެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން އެދުމުން މި ހަރަކާތުގެ އެކްސް އެކައުންޓް ވަނީ އިންޑިއާގައި ބްލޮކްކޮށްފައެވެ.
މި ހަރަކާތުގެ ސަބަބުން އިންޑިއާގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ބީޖޭޕީއާއި ކޮންގްރެސް ފަދަ ބޮޑެތި ޕާޓީތަކުގެ ނުފޫޒު އަދިވެސް ގަދައެވެ. އެހެން ނަމަވެސް، ސީޖޭޕީން ރަމްޒުކޮށްދެނީ އިންޑިއާގެ ޒުވާނުންގެ މެދުގައި އޮތް މާޔޫސްކަމެވެ. އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާއިރު، ގިނަ ޒުވާނުން ގަބޫލުކުރަނީ މިހާރު ހުރި ސިޔާސީ ޕާޓީތަކުން އެމީހުންގެ އަޑު ނީވޭ ކަމަށެވެ.
ކުރަތްޕަކީ ކޮންމެފަދަ އުނދަގޫ ހާލަތެއްގައި ވެސް ދިރިއުޅުމުގެ ގާބިލުކަން ހުރި ސޫތްޕަކަށް ވުމުން، އެއީ މި ހަރަކާތުގެ ރަމްޒަކަށް ހިޔާރުކުރީ ކަމަށް ބެލެވެއެވެ. ވަޒީފާ ނެތުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ސިޔާސީ މިނިވަންކަން ކުޑަވުމުގެ ޝަކުވާތައް މި ހަރަކާތުގެ ތެރެއިން މަޖާ ގޮތަކަށް އަންނަނީ ފާޅުކުރަމުންނެވެ. މިއީ ހަމައެކަނި އޮންލައިން މަޖަލެއްގެ ގޮތުގައި ބައެއް މީހުން ދެކުނަސް، މިއީ އިންޑިއާގެ ޒުވާނުންގެ ހަގީގީ ޝުއޫރުތައް ބޭރުކޮށްލުމަށް ލިބުނު އާ މަންސައެކެވެ.
އިންޑިއާގެ ސިޔާސީ މަސްރަހު ގުޑުވާލި "ކުރަފި" ހަރަކާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ