ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އަދި ނުރައްކާތެރި ޑައިވިން ހާދިސާ ހިނގައިގެން އުޅޭ މި ދަނޑިވަޅުގައި ކޯސްޓް ގާޑަށް ޖަޕާންގެ ސަރުކާރުން ހަދިޔާކުރި އެތައް މިލިއަން ޑޮލަރުގެ ސަމާނުގެ ވާހަކަ އެ ގައުމުގެ ސަފީރު އިޝިގާމީ ރުމިކޯ ހަނދާނަށް ގެންނަވައިފި އެވެ.
ވާވު އަތޮޅު ދެވަނަ ކަނޑުގެ ވަރަށް ފުނުގައި އޮންނަ ހޮހޮޅައަކަށް ފީނަނިކޮށް ފަސް އިޓަލީ މީހުން ވަނީ ނިޔާވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ހޯދިފައިވާއިރު އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް އެމްއެންޑީއެފްގެ ކޯސްޓް ގާޑު ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ. މި ހާދިސާގައި ހަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.
ޑިސެމްބަރު 17، 2024، ގައި ޖަޕާން ސަރުކާރުން ކޯސްޓް ގާޑަށް 7.6 މިލިއަން ޑޮލަރު ނުވަތަ 800 މިލިއަން ޔެންގެ ސާމާނު ހަދިޔާކުރި އެވެ. މި ސާމާނު އެމްއެންޑީއެފްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ޖަޕާންގެ ސަފީރުކަށް އޭރު ހުންނެވި ތަކެއުޗީ މިދޯރީ ބައިވެރިވެވަޑައިގަތެވެ.
މިހާރުގެ ސަފީރު އިޝިގާމީ އެކްސްގައި ވިދާޅުވި ގޮތުގައި އޭރު އެމްއެންޑީއެފްއާ ހަވާލުކުރި ބައެއް ސަމާނު ލިސްޓު ކުރައްވާފަ އެވެ. އޭގެ ތެރޭގައި މެރިޓައިމް ކޮމިއުނިކޭޝަން ސިސްޓަމްތަކާއި، ޕްރޮފެޝަނަލް ޑައިވިން ގިއަރާއި، ސާޗު އެންޑް ރެސްކިއު ސާމާނު ހިމެނެ އެވެ. އަދި ހައްސާސް އޮޕަރޭޝަންތަކަށް ބޭނުންވާނެ ފަދަ ޕޯޓަބަލް ރީކޮމްޕްރެޝަން ޗެމްބަރު ވެސް ހަދިޔާކޮށްފައިވެ އެވެ.
އެ ސާމަނަކީ މިފަދަ ވަގުތެއްގައި އެމްއެންޑީއެފްއަށް ވަރަށް ބޭނުންތެރިވާނެ ސާމާނު ކަމަށް އުންމީދުކުރައްވާ ކަމަށް ސަފީރު އިޝިގާމީ ވިދާޅުވި އެވެ.
އެމްއެންޑީއެފްއިން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި ބޭނުންކުރަނީ ކޮން ސާމާނުތަކެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.
އިޓަލީގެ ފަސް ޑައިވަރުން ފޭބި ހޮހޮޅައަކީ ކަނޑުގެ 60 މީޓަރު އަޑި ކަމަށް ވާއިރު، ހޮހޮޅައިގެ ދިގު މިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކަމަށް އެމްއެންޑީއެފްއިން ކުރިން ބުނެފައިވެ އެވެ.
ބޮޑު ހާދިސާއެއް ހިނގައިގެންއުޅޭއިރު ޖަޕާން ސަފީރު ހަނދާނަށް ގެންނެވީ ކޯސްޓު ގާޑަށް ހަދިޔާކުރި ސާމާނުގެ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ