ޔަހޫދީ އިސްތިޢުމާރީ ބާރުގެ ބަންދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި، އެ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމުގެ ބާރު ޔަހޫދީންގެ ކޯޓުތަކަށް ލިއްބައިދޭ ލާއިންސާނީ ޤާނޫނަކަށް، ހުޅަނގު އައްސޭރީގައި ޢަމަލުކުރަން ފަށައިފިއެވެ. މެއި 17 ވަނަ ދުވަހުން ފެށިގެން މި ޤާނޫނު ތަންފީޒުކުރަން ފަށާފައިވަނީ، ޔަހޫދީ ފައުޖުގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ އެ ކަމަށް ބޭނުންވާ އަމުރުގައި ސޮއިކުރުމާ އެކުގައި ކަމަށް ޔަހޫދީ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. މި އަމުރުގެ ދަށުން، ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ ޖިހާދުގެ ދަށުން ދޭ ޙަމަލާއެއްގައި ޔަހޫދީއަކު ނުވަތަ ޔަހޫދީންގެ ބަޔަކު މަރުވެއްޖެ ނަމަ، އެ ޙަމަލާގެ ޒިންމާވާ މީހުންނާ ދެކޮޅަށް އިއްވޭނެ ހަކައެކަނި ޙުކުމަކީ މަރުގެ އަދަބު ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ޔަހޫދީ ދައުލަތުގެ ނޫހެއް ކަމުގައިވާ ހައާރެޓްޒުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ލާއިންސާނީ ޤާނޫނު ހިނގާނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އެކަންޏެވެ. ފަލަސްޠީނު ރައްޔިތުންނަށް މަރުގެ ޙުކުމް އިއްވުމުގެ ބާރު މި ޤާނޫނުގެ ދަށުން ކޯޓުތަކަށް ދީފައިވާއިރު، މިއީ ހަރުކަށި ޔަހޫދީން ހިންގާ ލޭއޮހޮރުވުންތަކާއި ލާއިންސާނީ ޖަރީމާތަކުން އެ މީހުން ސަލާމަތްކުރުމަށް ޓަކައި ހަދާފައިވާ މަކަރުވެރި ޤާނޫނެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އަދި، ހަރުކަށި ޔަހޫދީ ނިރުބަވެރިންގެ މައްޗަށް މި ޤާނޫނު ނުހިނގާނެ ކަމުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.
މި ނާއިންޞާފު ޤާނޫނާ މެދު ޔަހޫދީ ދައުލަތުގެ ޤާނޫނީ އަދި ސަލާމަތީ ދާއިރާގެ މާހިރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔަހޫދީ ދައުލަތުގެ ޤާނޫނުހަދާ މަޖިލިސް، ކްނެސެޓުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަމުން ޤާނޫނީ ދާއިރާގެ މާހިރުން ވަނީ ޔަހޫދީން ހިފާފައިވާ ހުޅަނގު އައްސޭރީގައި އަޅުވެތިކޮށްފައިވާ ރައްޔިތުންގެ މައްޗަށް މި ފަދަ ޤާނޫނެއް ތަންފީޒުކުރުމަކީ ޔަހޫދީންގެ ޒަމާންވީ ސިޔާސަތުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މިނިވަންކަމުގެ ޖިހާދުގެ ދަށުން ޔަހޫދީންނާ ދެކޮޅަށް ޙަމަލާދޭ ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ސަރިޔަތް ހިންގައި، އެ މީހުންނަށް މަރުގެ އަދަބުދެވޭ ޤާނޫނު ކްނެސެޓުން ފާސްކޮށްފައި ވަނީ މާރިޗު މަހުއެވެ. މީގެ އިތުރުން ޣައްޒާގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންގެ ސަރިޔަތްކުރުމަށް ކްނެސެޓުން ދާދިފަހުން ވަނީ އަސްކަރީ ކޯޓެއް ޤާއިމު ކުރުމަށް ވެސް ފާސްކޮށްފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ ފަލަސްޠީނުގެ އަބްޠާލުންގެ ނަން ކިލަނބުކޮށް، އެ މީހުން ޝަހީދުކުރުމަށް ހިންގާ ނިރުބަވެރި ޖަރީމާއެކެވެ.
ޔަހޫދީންގެ އަނިޔާވެރި ޖަލުތަކުގައި މިހާރު ވެސް ފަލަސްޠީނުގެ 9،600 އަށްވުރެ ގިނަ ރައްޔިތުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭގައި 350 ކުޑަކުދިންނާއި 73 އަންހެނުން ހިމެނޭއިރު، އެ އެންމެންނަށް ވެސް ޔަހޫދީ ސިފައިން ދަނީ ލާއިންސާނީ އަނިޔާތައް ދެމުންނެވެ. މީގެ ތެރޭގައި ޞިއްޙީ ފަރުވާއިން މަޙްރޫމު ކުރުވުމާއި، ގަސްދުގައި ހައިހޫނުގައި ޖެއްސުން ފަދަ ލާއިންސާނީ އަނިޔާތައް ހިމެނެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދެވޭ ޤާނޫނަށް ޔަހޫދީން ޢަމަލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ