ދިވެހި ޑައިވަރުން ދެން ކުރާނީ ޑީކޯ ނުވާނެ ފަދަ ޑައިވްތައް: ތަރުޖަމާނު

އިޓަލީގެ ގެއްލުނު ޑައިވަރުން ހޯދުމަށް މިހާރު ހިންގާ އޮޕަރޭޝަނުގައި ސިފައިންގެ ޑައިވަރުން ދެން ކުރާނީ ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ނުވާނެ ފަދަ ޑައިވްތައް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ވ. އަލިމަތާ ޑައިވް ޕޮއިންޓް ކައިރީ ކޭވްއަކަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ސިފައިންގެ މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
ސާޖެންޓު މުހައްމަދު މަހުދީ މަރުވީ، 60 މީޓަރު އަޑީގައި އޮތް އެ ކޭވަށް ފީނަން މަސައްކަތްކުރުމުގެ ތެރޭގައި ޑީކޯ ވެގެން، އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.
އެއާއެކު މެދުކަނޑާލާފައި އޮތް މި އޮޕަރޭޝަނަށް ފިންލޭންޑުންގެ ތިން ޑައިވަރުން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.
ތަފްސީލް - 'ދައުރު'އާ ވާހަކަ ދައްކަވަމުން މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ ގުޅިގެން ހިންގާ އެ އޮޕަރޭޝަނުގައި ސިފައިންގެ ޑައިވަރުން، ފުރާނައަށް ނުރައްކާ ނެތް، ޑީކޯ ނުވާ ޑައިވް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ
އެއީ މާފުނަށް ނުގޮސް ކުރާ، ރެކްރިއޭޝަނަލް ސްކޫބާ ޑައިވްތަކެވެ.
"ކޭވްއަށް ފީނާނީ ތަޖުރިބާކާރު ޑައިވަރުން. އެއީ އެ ފަދަ އޮޕަރޭޝަންތަކަށް ވަރަށް މޮޅު، ތަޖުރިބާހުރި ބައެއް. މިހާރު ނިންމާފައި އޮތީ ދިވެހި ކުދިން [އެހާ] އަޑިއަށް ނުދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ ބޭރުގެ ޑައިވަރުން އަދި މީހުން ހޯދުމަށް ނުފީނާ ކަމަށާއި މިހާރު ކުރަމުންދަނީ، އެ ސަރަހައްދު ބަލައި ފަރިތަ ކުރުމަށް ހިންގާ 'އޮރިއެންޓޭޝަން ޑައިވް'ތައް ކަމަށެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ވެސް މިހާރު ލިބިފައިވާ މި އޮޕަރޭޝަނުގައި ތަޖުރިބާކާރުންގެ ޓީމާއި ސިފައިންގެ އިތުރުން ދިވެހި ދެ ކުންފުންޏެއްގެ ޑައިވަރުން ވެސް ބައިވެރިވެ އެވެ. ދިވެހި ކުންފުނިތަކުގެ ޑައިވަރުން ކުރަނީ ސާވޭ ކުރުމުގެ މަސައްކަތް ކަމަށް މުހައްމަދު ހުސެން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
މި އޮޕަރޭޝަނުގައި މިހާރު މޫދު އަޑިއަށް ފޮނުވާ އުޅަނދު ނުވަތަ އާރުއޯވީ ވެސް ބޭނުން ކުރާ ކަމަށް
އެކަމަކު އޮއެގަދަ ކަމުން އަދި އެންމެ ރަނގަޅަށް އެކަން ނުކުރެވޭ ކަމަށް ވިދާޅުވި
"އިރާދަކުރެއްވިއްޔާ މާދަމާ ޑައިވަރުން މީހުން ހޯދުމުގެ އޮޕަރޭޝަން ފަށާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ