ޔޫއޭއީން އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ހަވާލުކުރަނީ

ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށާއި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޔޫއޭއީގައި ހުރި އީރާނުގެ ބިލިއަނުން ފައިސާ ދޫކޮށްލުމަށް ޔޫއޭއީން އެއްބަސްވެފައިވާ ކަމަށް ރޮއިޓާސްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފި އެވެ.
ސަރަހައްދީ މަސްދަރުތަކުން ބުނާ ގޮތުގައި މި ފައިސާގެ ޖުމްލަ އަދަދު 10 ބިލިއަނާއި 20 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރަ އެވެ. މީގެ ތެރެއިން 3 ބިލިއަން ޑޮލަރު މިހާރު ވެސް ދޫކޮށްލާފައިވާ ކަމަށާއި މިއީ ޔޫއޭއީއަށް އަމާޒުކޮށް އީރާނުން ދޭ ޑްރޯން އަދި މިސައިލް ހަމަލާތައް ހުއްޓާލައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އަލުން ބަދަހިކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އެ މަސްދަރުތަކުން ބުނެ އެވެ.
ނަމަވެސް، ޔޫއޭއީގެ ފޮރިން މިނިސްޓްރީން މި ރިޕޯޓުތައް ވަނީ ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، 3 ބިލިއަން ޑޮލަރާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. އަދި ޔޫއޭއީ މެދުވެރިކޮށް އީރާނުގެ އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޔޫއޭއީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ސަރަހައްދީ ނުތަނަވަސްކަން ކުޑަކޮށް، ދާއިމީ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމުގެ މައްޗަށެވެ.
މި ހަބަރުތައް ފެންމަތިވެފައި މިވަނީ، އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުންތައް ނައްތާލުމަށާއި ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތައް އެންމެ ފަހުގެ މަރުހަލާއަށް ދިޔަ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިއްޔެ ވިދާޅުވީ، ހަމައެކަނި އެއްބަސްވުމެއްގައި ސޮއިކުރުމުން ފައިސާ ދޫނުކުރާނެ ކަމަށާއި އެ އިގްތިސާދީ ފައިދާތައް ލިބޭނީ އީރާނުން އޭގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމުން ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި މަޝްވަރާތައް ހަލުވިވެފައިވަނީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިން މިދިޔަ ހަފުތާގައި އަބޫދާބީއަށް ވަޑައިގެން، ޝެއިހް ތަހްނޫން ބިން ޒައިދު އަލް ނަހްޔާނާ ބައްދަލުކުރެއްވުމަށް ފަހު އެވެ. އީރާނުން ޔޫއޭއީއަށް އެންމެ ފަހުން ސީދާ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހު ފުޖައިރާ ބަނދަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ