މަހްމޫދުގެ ގާތިލްގެ ހުކުމްގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލު ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހަޅައިފި އެވެ. 
އޮކްޓޫބަރު 2021 ގައި ދަނގެތީ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީގެން މަހްމޫދު މަރާލުމަށް ފަހު ވަޅެއްގެ ތެރެއަށް ވައްޓާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށެވެ.
އެ މައްސަލާގައި އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމްކުރި އެވެ. އަދި އެ ހުކުމަށް ޖުލައި 15، 2024ގައި ހައި ކޯޓުން ތާއިދުކުރި އެވެ. 
އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަނޭޅުމުން އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅީ ދައުލަތުންނެވެ. ދައުލަތުން މިހާރު ވަނީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. މިދިޔަ ހަފުތާގެ ތެރޭ ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. 
The most trusted news source in the Maldives
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައިވާ ގޮތުގައި ސާލިމް ދަށު ކޯޓުގައި ވެފައިވާ އިއުތިރާފާއި ދެން ހުރި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި މަހްމޫދުގެ ވާރިސުން ބޭނުންވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ސާލިމްގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށްވާތީ، އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
ސާލިމްގެ މަރު ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، ސާލިމް ތަހުގީގާއި ދަށު ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އޭގެފަހުން ހައި ކޯޓުގައި އޭނާ އަނެއްކާވެސް އެދުނީ އޭނާގެ މަރުގެ ހުކުމް ދެމެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ