ފުލުހުންނަށް ދިމާވެގެން އުޅޭ މައްސަލައަކީ ގާނޫނު ހިންގާލަން ނުކެރޭ މައްސަލަ: އުމަރު

މުޖުތަމައުގައި ކުށްކުރުން ގިނަ ވެގެން މި އުޅެނީ ފުލުހުންގެ އަތުގައި އޮތް ގާނޫނީ ބާރުވެރިކަމުގެ ބޭނުން ކުރަން ނުކެރޭތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހަށް ހަމަލާ ދިން އެފަދަ ނުރައްކާތެރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންގޮސް، ނަފުސާނީ ބަލި މީހެއް ކަމަށް ނިންމައި މުޖުތައު ތެރެއަށް ދޫކޮށްލުމުން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފަށާފައިވަނިކޮށެވެ. "ސަން"އާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށްގެން ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމާއި ވައްކަން ކުރުމާއި މަގު ފޭރުމާއި ރޭޕްކުރުމާއި ވަޅިއާއި ކަނޑިން ހަމަލަދީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް މުޖުތައު ތެރޭގައި އާއްމުވެގެން މިއުޅެނީ ފުލުހުންނަށް ބާރު ދެވިފައި ނެތުމުން ކަމަށެވެ. އުމަރު ވިދާޅުވީ ފުލުހުން ގާނޫނު ހިންގައިފި ނަމަ، ހަތަރު މުއައްސަސާއަކަށް ހާޒިރުކޮށް ބަޔާން ނަގައި ބިރު ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ މާލެތެރެ، މި ހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ. "އަމަންއަމާންކަން ދައްވާ ކޮންމެ ފަހަރަކު ރައީސް، ހަދާ ގޮތަކީ ސިފައިންނާ ފުލުހުން ވަރަށް ބޮޑު ހެދުމެއް އަޅުވާފައި މަގުމައްޗަށް ނެރެގެން ގުންފައި ޖަހާފައި ދެކޮޅަށް ހިންގަނީ. މީހުން ހަނދާން ނެތެންދެން ބުނާނެ ވަރަށް ބޮޑަށް މިކަންތައް ބަލާނަމޭ. ހަނަދާން ނެތުނީމަ އަނެއްކާ ވެސް އަނބުރާ ވަންނަނީ. ވަނީމަ އަނެއްކާ ވެސް އެކަން ކުރިއަށް ދާނީ. މީގެ ދެތިން މަސް ކުރިން ހަނދާން ހުންނާނެ ސިފައިން މަގުމައްޗަށް ނެރެ، މަގުމަތީގައި ޕެޓްރޯލް ކުރި. ވީކަމެއް ނެތް،" އުމަރު ވިދާޅުވިއެވެ. ފުލުހުންގެ އަތުގައި ސިޔާސީ ބާރުވެރިކަން ނެތީކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ ސިޔާސީ ބާރުވެރިކަން ދިން ދުވަހު، ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުން ގެންގޮސް ޖަލަށް ލައިގެން ގެންގުޅުނު ކަމަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން އަލީ ޞާލިޙަށް ހަމަލާ ދިން މީހާ މުޖުތައު ތެރެއަށް ދޫކޮށްލި މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވައި އުމަރު ވިދާޅުވީ އެކަހަލަ މީހުން ގެންގުޅެން ޖަލުގައި ވަކިން ތަނެއް ހަދާފައި ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މީހުން ގަޔަށް ވަޅި ހަރަން ދިމާކުރާ މީހުންނަށް ޖެހޭނީ ޓޭޒާ ކުރަން ކަމަށެވެ. ނަމަވެސް ފުލުހަކު ޓޭޒާ ކޮށްފިނަމަ، އެ މައްސަލަ ބަލައި ސުވާލު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ. "ފުލުހުން ތިބެނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން މިހާރު. އެއީ އެމީހުންނަށް ލިބިފައި ހުރި ބާރުތައް މާ ކުޑައީ. އެކަމަކު ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޓޭޒާ ކުރާނެ. އިހަކަށް ދުވަހު އެކަހަލަ މީހަކު ސިންގަޕޫރުގެ މަގުމަތީގައި ވަޅިއެއް ހޫރީމަ ސިންގަޕޫރު ފުލުހުން އައިސް ބަޑިޖަހާ މާރާލީ. އެއީ ސިންގަޕޫރުގައި އެކަން ކުރާގޮތް. މީހަކު އެހެން ނުކުމެ، މީހުންނާ ދިމާލަށް ވަޅި ހޫރަން ފަށައިފި ނަމަ ފުލުހުން އައިސް އިންޒާރު ދީފައި ޖަހާނީ ބަޑި،" އުމަރު ވިދާޅުވިއެވެ. "އެހެންވީމަ ގާނޫނުތަކުގެ ބާރު ކެނިޑިފައި އޮތް އޮތުން މައްސަލައަކީ. އެއީ މައިގަނޑު އިޝޫއަކީ،" އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ ރަށުތެރެ އަމާން ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އަދި އެކަމަށް ބޭނުންވާ ގަޓެއް ވެސް ސަރުކާރުގައި ނެތް ކަމަށެވެ. އަލީ ޞާލިޙަށް ހަމަލާ ދިނުމުގެ ކުރިން އެންމެ ފުރަތަމަ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިސްކިތުގެ މިންބަރަށް އަރާ އަޑުގަދަ ކުރުމުންނެވެ. އެދުވަހު، ގެންގޮސް، ނަފުސާނީ ބަލި މީހެއް ކަމަށް ނިންމައި ކުޑަ ވަގުތޮޅެއް ފަހުން އެމީހާ ދޫކޮށްލީއެވެ. ދޫކޮށްލުމުން އެތަނުގައި އެވަގުތު ތިބި ފުލުހުންނަށް އެންމެ ފުތަމަ ވެސް ދިނީ އިންޒާރެވެ. އެއަށްފަހު، އެހެން ރެއަކު އެމީހާ ވަނީ މަޖީދީ މަގުގައި ތިބި ފުލުހުންތަކަކާ ޒުވާބުކޮށް، ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ހަމަ އެރޭ މަގުމަތީގައި ހުރެ، އައުގުރާނަ ގޮވައި މުޅި ސަރަހައްދުގައި އަޑުގަދަ ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ