ޖޯޖީނިއޯ އާސެނަލް އަށް!

އިގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރ ޖޯޖީނިއޯ 12 މިލިއަން ޕައުންޑަށް، ވާދަވެރި އާސެނަލް އަށް ވިއްކާޅުމަށް އެކުލަބުން ނިންމައިފިއެވެ. އުމުރުން 31 އަހަރުގެ ޖޯޖީނިއޯ ޗެލްސީއާއި ގުޅިފައި ވަނީ 2018 ވަނަ އަހަރު އިޓަލީގެ ނަޕޯލީންނެވެ. ޖޯޖީނިއޯ ޗެލްސީއާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ.
މިޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ޖޯޖީނިއޯއަށް ހުށަހަޅައިފައި ވަނީ ދޮޅު އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ. އާސެނަލް އިން އެ ޓީމްގެ މިޑްފީލްޑް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި އެކުލަބުން އެންމެ ފުރަތަމަ ހޯދުމަށް މަސައްކަތް ކޮށްފައި ވަނީ ބްރައިޓަންއަށް ކުޅެމުން އެކުއެޑޯގެ ޒުވާން މިޑްފީލްޑަރ މޮއިސްސް ކެއިސެޑޯއެވެ. އޭނާ ހޯދުމަށް އާސެނަލް އިން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް ބްރައިޓަން އިން ވަނީ ކެއިސެޑޯ ވިއްކުމަށް ދެކޮޅުހަދާފައެވެ.
ޖޯޖީނިއޯ ޗެންޕިއަންސް ލީގު އަދި ޔޫރޯ ޓްރޮފީއާއި އެކު
ޖޯޖީނިއޯ އަކީ  ޖަނަވަރީ ޓްރާންސްފާގައި އާސެނަލް އިން ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. އާސެނަލުން ވަނީ ބްރައިޓަންއަށް ކުޅެމުން އައި ބެލްޖިއަމްގެ މިޑްފީލްޑަރ ޓްރޮސާޑް އާއި އިޓަލީގެ ސްޕެޒިއާއަށް ކުޅެމުން އައި ޕޮލެންޑުގެ ޒުވާން ޑިފެންޑަރ ޖަކުބް ކިވިއޯގެ ސޮއި ހޯދާފައެވެ.
ޖޯޖީނިއޯ ވަނީ ޗެލްސީއަށް ކުޅެދިން 213 މެޗުގައި 29 ލަނޑު ޖަހާފައެވެ. އިޓަލީގެ ޤައުމީ ޓީމާއިއެކު 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯ ކާމިޔާބުކޮށް އެއަހަރު ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ  ޖޯޖީނިއޯ ވަނީ ޗެލްސީއާއިއެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔުއެފާ ސްޕަކަޕް އަދި ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ