ތޮއްޑޫ މެމްބަރު އަޅުގަނޑާ ދުރުގައި ހުއްޓަސް، ދާއިރާ ބާކީއެއް ނުވާނެ: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވައި، އެމަނިކުފާނުގެ ކެމްޕެއިންގައި އުޅުއްވާ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިއާން (ގިޓާ) ސަރުކާރާ ދުރުގައި ހުންނެވުމަކީ ދާއިރާއަށް ސަރުކާރުން ކޮންދެމުންދާ ކަންތައްތަކުން ބާކީވެގެންދާނެ ސަބަބެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ (އިބޫ) ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އއ. ތޮއްޑޫއަށް ވަޑައިގެން، އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައި، ދެއްކެވިވާހަކަފުޅުގައެވެ.
“އަޅުގަނޑު ކަންތައްތައް މި ނިންމަނީ ކައުންސިލާ މަޝްވަރާކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާކޮށްގެން. ތެދުފުޅެއް، މި ދާއިރާގެ މެމްބަރު އަޅުގަނޑަކާ އެހާ ކައިރިއަކު ނޫން ހުރީކީ. އެހެންނަމަވެސް، އެއީކީ ދާއިރާ ބާކީވެގެންދާނެ ކަމެއް ނޫން. ޝައްކު ނުކުރައްވައްޗޭ،” ރައީސް ވިދާޅުވިއެވެ.
ތޮއްޑޫ ބަނދަރު ސަރަހައްދުގައި އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރު ހެދިގެން މި ދަނީ “އެންމެ ފައްކާ، އެންމެ ޒަމާނީ،” ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ރަށްތަކުގައި ހިންގާފައިވާ ޕްރޮޖެކްޓުތަކުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން “ރިނބަން ކަނޑަން” ޖެހޭނަމަ،  މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ވެސް ހޭދަކުރަންޖެހޭނީ އެކަމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީގައި ނިންމާ ގޮތަކުން ރާއްޖެއަށް އަންނަަމުންދާ ބަދަލު ހުއްޓި، އެމްޑީޕީ މަގުމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ވިޔަސް، ވޯޓުލުމުގައި ގައުމީ ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމާ މީގައި ގައުމީ ވިސްނުމެއް ގެންގުޅެންއެބަޖެހޭ. ޕާޓީގެ އެތެރޭގެ އަމިއްލަ ވިސްނުން ހުރި ގޮތް މަޑުޖައްސާލަފައި ގައުމަށް ވަނީ ކިހިނެތްތޯ މި ނިންމުމުން އެއާ ދޭތެރޭގައި ވިސްނާފައި ތިބޭފުޅުން ގޮތެއް ނިންމީމައި ހުންނާނީ ރަނގަޅަށް،” ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކ. ގުރައިދޫއަށެވެ. އެއަށްފަހު ކ. ކާށިދޫއަށް ވެސް ވަޑައިގެންނެވިއެވެ. މިއަދުގެ ދަތުރުގެ އެންމެ ފަހު މަންޒިލަކީ އއ. ތޮއްޑޫއެވެ. މާދަމާ އެމަނިކުފާނު އދ. އަތޮޅަށް ވަޑައިގަންނަވާނެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ