ހުޅުމީދޫ "ވިލުނު" ގައި ފަރުވާ ހޯދާ 36 މީހުން

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން އައްޑޫ ހުޅުމީދޫގައި މިދިޔަ އަހަރު ހުޅުވި "ވިލުނު" ސެންޓަރުގައި މިހާރު 36 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
"ވިލުނު" ހުޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހިކޮޅު އެވެ. އަދި އެތަނުގައި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ފެށީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެއްފަހަރާ 60 މީހުންނަށް ފަަރުވާދެވޭ ގޮތަށް ހަދާފައިވާ ސެންޓަރުން ޑިޓޮކްސިފިކޭޝަން ޓްރީޓްމެންޓާއި ރެސިޑެންޝަލް ޓްރީޓްމެންޓާއި ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ އިތުރުން ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަ އެވެ. އެ ޕްރޮގްރާމްތައް ބައްޓަންކޮށްފައި ވަނީ ސައިކޮތެރަޕީގެ ދަށުން ނަފްސާނީ ޖިސްމާނީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަމުގެ ވަށައި ޖެހޭ ގޮތަށެވެ.
"ވިލުނު" ގެ ނަމުގައި ހުޅުވި ރިހިބިލޭޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހެދި ތަނެކެވެ. އެގޮތުން އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
pic.twitter.com/UpRLPa3v3Y
— National Drug Agency (@NDA_MV) January 10, 2023
މި ސެންޓަރުގެ އިތުރުން ހިތަދޫގައި ހުންނަ ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރުން މި ވަގުތު 111 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
އެންޑީއޭ އިން ބުނެފައިވާ ގޮތުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ އެކި ސެންޓަރުތަކުން މިދިޔަ އަހަރު 1،017 މީހުންނަށް ފަރުވާ ދީފައިވެ އެވެ. އެތަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް 242 ފަރުވާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢުއަށް ނެރެފައިވެ އެވެ. އަދި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަރުވާ ހޯދުމުގެ ޕްރޮގްރާމްތަކުގައި މިހާރު ވެސް 775 މީހުން ފަރުވާ ހޯދަމުންގެންދެ އެވެ.
މަސްތުވާތަކެއްޗަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ