ދުވަސް ނުފުރާ ވިހާކުދިންގެ ދުވަހާ ގުޅިގެން މާދަމާ ހަވީރު ހާއްސަ ހަރަކާތްތަކެއް!

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުވަސް ނުފުރާ ވިހާކުދިންގެ ދުވަހާ ގުޅިގެން މާދަމާ ހަވީރު ހާއްސަ ހަރަކާތްތަކެއް ބާއްވަން އައިޖީއެމްއެޗުން ނިންމައިފިއެވެ.
މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "މައިންބަފައިންގެ މުށުތެރޭގައިވުން: ފުރިހަމަ ފަރުވާ. އުފަންވާ ހިދުން ފެށިގެން ހަމާ ހަން ބީހުމުގެ ފުރުސަތު ފަހިކުރަމާ"އެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ މިއަދާ ގުޅިގްނެ ދުވަސް ނުފުރާ ވިހާފައިވާ ކުދިންގެ މިހާރުގެ ބެލެނިވެރިންނާއި ކުރީގެ ބެލެނިވެރިންގެން ބައްދަލުވުމެއް ބޭއްވުމަށް މިރޭ ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މާދަމާ ހަވީރު 4 އިން 6 ކަށް ސޯސަލް ސެންޓަރުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެތަނަށް ކުރިން ދުވަސް ނުފުރާ ވިހޭ ކުދިން އަންނާނެ ކަމަށާއި އެތަނުގައި ކުރިން ދުވަސް ނުފުރާ ވިހޭކުދިންގެ އެހާރާއި މިހާރުގެ ފޮޓޯތައްވެސް ހުންނާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެތަނުގައި އިތުރު ސްޓޯލްތަކެއް ހުންނާނެކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ އާންމު މައުލޫމާތާއި މަންމައިންނަށް ދޭ މައުލޫމާތުތަކާއި ހެދިބޮޑުވުމުގައި ބަލަން ޖެހޭނެ ކަންތައްތަކާއި ލޮލާއި ބެހޭ މައުލޫމާތު އެތަނުން ލިބެން ހުންނާނެ ކަމަށެވެ
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ އެންމެ މުހިއްމު ކަމަކީ މިކަމުގެ މުހިއްމުކަން ސަރުކާރަށާއި އާންމު ރައްޔިތުންނަށް އެނގުން ކަމަށާއި އެ އަދަދު މަދުކުރަން އަދި އުފަން ވުމުނން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ