ކުންފުނިތައް "ރައިޓް ސައިޒް" ކުރަނީ މިދިޔަ ސަރުކާރު ނިމުނުއިރު މުވައްޒަފުން ތިބި އަދަދުތަކަށް: އެމްޑީޕީ

ދައުލަތުގެ ކުންފުނިތައް 'ރައިޓް ސައިޒް' ކުރުމަށްޓަކައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރަނީ މިދިޔަ ސަރުކާރު ނިމުނުއިރު އެ ކުންފުނިތަކުގައި ވަޒިފާ އަދާކުރަމުންދިޔަ މުވައްޒަފުންގެ އަދަދަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ. 
މި ހިނގާ ޖުލައި 13، ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކުންފުނިތަކުން 33 ޕަސެންޓު މަދުކުރުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ އަންގާފަ އެވެ. އެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ކުންފުނިތައް 'ރޯންގް ސައިޒް' ކުރީ މި ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ. 
"މިދިޔަ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ ގާތްގަނޑަކަށް 30،000 މުވައްޒަފުން. މިހާރު 33 ޕަސެންޓު މުވައްޒަފުން ކަނޑާލީމާ އެ އަންނަނީ އެ އަދަދަށް. 44،645 މުވައްޒަފުން މި ތިބީ މިހާރު، 33 ޕަސެންޓު ކަނޑާލީމާ މި އަންނަނީ 29,913،" ހަސަން ލަތީފް ވިދާޅުވި އެވެ. 
އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކުގައި މާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް މި ސަރުކާރުން ބުނަމުންދަނިކޮށް ހަމަ އެ އަދަދަށް ކުންފުނިތައް 'ރައިޓް ސައިޒް' ކުރަނީ ކީއްވެގެންތޯ ހަސަން ސުވާލު އުފެއްދެވި އެވެ. ޕީސީބީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 34،000 އެއްހާ މުވައްޒަފުންނެވެ. 
"އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ގޯހެއް ނޫނޭ އެ ބޭފުޅުން ވިދާޅުވަނީ. އެ ބޭފުޅުންގެ ނިންމުމުގައި އަންނަނީ އެ ސައިޒަށް ކުޑަކުރަން. އެހެންވީމާ މިވެސް ދެކޮޅުޖެހޭ ވާހަކައެއް ނޫން،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހިއުމަން ރިސޯސް މިނިސްޓަރުކަން ވެސް ކުރެއްވި ހަސަން ވިދާޅުވި އެވެ. 
އޮޕަރޭޝަން އޮޑިޓެއް ހެދުމުގެ ކުރިން ކުންފުނިތަކުގައި ތިބެން ޖެހެނީ ކިހާ އަދަދެއްކަން ޕީސީބީއަށް ނޭނގޭނެ ކަމަށާއި މުވައްޒަފުންނަށް ކުރިއަށްދެވޭނެ މަގެއް ސަރުކާރުން ހޯދައިދޭން ޖެހޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. 
މި ފިޔަވަޅަކީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ. 
ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިން ނަމަވަސް އެ ފުރުސަތު ހޯދުމަށް ހުށަހަޅާފައިވަނީ މަދު ބަޔެއްކަން އެނގިފައިވެ އެވެ.  
ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕިއަށް ނިސްބަތްވާ މީހުންނާއި އަދި އެ ޕާޓީއަށް ތާއީދުކުރާ މީހުން ހިމެނޭ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ