"އޭވިއޭޝަން ދާއިރާގެ މުވައްޒަފުންނަށް ލަސްތަކެއްނުވެ މުސާރައިގެ ކުރިއެރުން ލިބޭނެ"

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލަސްތަކެއްނުވެ މުސާރައިގެ ކުރިއެރުން ލިބިދާނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ރޭ ސޯސަން ޖަގަހައިގައި ބޭއްވި ކެންޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވަކި ބައެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދެއްވުން ކަމަށެވެ.
އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރަ މިހާރު ރިވިއު ކުރައްވަމުން ގެންދަވާ ކަމަށާއި، އެހެންކަމުން ލަސްތަކެއްނުވެ އެ ފަރާތްތަކުގެ މުސާރައަށް ބަދަލު އައިސްދާނެ ކަމަށް ރައިސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު އޮންނަ އިންތިޚާބާއި ދޭތެރޭގައި ފުންކޮށް ވިސްނެވުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެދުވަހު ނިންމޭ ނިންމުމެއްގެ ސަބަބުން އަނެއްކާވެސް މިއިން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި، ނާމާން ކަމެއްގެ ތެރެއަށް ދާން ޖެހިދާނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެ އަނިޔާވެރިކަމަށް ގައުމު ނުގެންދިއުމަށްޓަކައި މި އިންތިހާބުގައި އެމަނިކުފާނަށް ވޯޓުދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ގެންދަވަނީ އުފާވެރި އަމާން ރާއްޖެ ކެމްޕޭން ހަރަކާތްތައް މާލޭގައި ވަރުގަދަ ކުރައްވާ، ދޮރުން ދޮރަށް ހިންގެވުމާއި ހަރުގެ ހަރަކާތްތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އެމްޑީޕީގެ ޓީމު ތަކުން އަންނަނީ ރަށްރަށުގައިވެސް ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިޔަށް ގެންދަމުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ވޯޓެވެ. އެންމެ ގިނަ ވޯޓު ފުރަތަމަ ބުރުގައި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒެވެ. ދެވަނަ ބުރުގެ ވޯޓު ނެގުން 30 ސެޕްޓެމްބަރުގައި ބާއްވާއިރު، ޑރ. މުއިއްޒުވެސް އަންނަނީ އިތުރު ވައުދުތައް ވެވަޑައިގެން ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިަޔށް ގެންދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ