މުސްހަފު އެންދުމަކީ ދުނިޔޭގައި ދަމަހައްޓަންޖެހޭ އެއްބައިވަންތަކަމުގެ އަސާސްތަކާ މުޅިން ހިލާފު އަމަލެއް: ގާސިމް

ބަރަކާތްތެރި އަޟްހާ އީދު ދުވަހު ސްވިޑެންގެ ރައްޔިތެއް ކަމަށްވާ ސަލްވަން މޮމިކާ ކީރިތި ޤުރުއާން އެންދުމަކީ، ދުނިޔޭގައި ދަމަހައްޓަންޖެހޭ އިޙްތިރާމާއި އެއްބައިވަންތަކަމުގެ އަސާސްތަކާ މުޅިން ޚިލާފު ޢަމަލެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ އަމަލުތައް ތަކުރާރުވަމުންދާތަން ފެނުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
އަދި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީ، ސްޓްރާމް ކުރުސްގެ ލީޑަރެއް ކަމަށްވާ ރަސްމުސް ޕަލޫދާންވެސް ސްވިޑަންގައި ކީރިތި ގުރުއާނުގެ ކޮޕީއެއް އަންދާލައިފާވާ ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، މިފަދަ ޢަމަލުތަކަކީ ދުނިޔޭގައި ދަމަހައްޓަންޖެހޭ އިޙްތިރާމާއި އެއްބައިވަންތަކަމުގެ އަސާސްތަކާ މުޅިން ޚިލާފު ޢަމަލެއް ކަމަށްވާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިފަދަ އިހާނެތި ޢަމަލުތަކަށް ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
ބަރަކާތްތެރި އަޟްހާ އީދު ދުވަހު ސްވިޑެންގެ ރައްޔިތެއް ކަމަށްވާ ސަލްވަން މޮމިކާ ކީރިތި ޤުރުއާން އެންދުމާއި ގުޅިގެން ރާއްޖެއިން ވަނީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެފައެވެ.
އެ ބައްދަލުވުމުގައި ސްވިޑަންގައި މުޞްޙަފެއް އެންދުމާ ގުޅިގެން އެފަދަ ޢަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޟްވަރާކޮށް، އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އޯއައިސީއިން ގުޅިފައިވާ ބަޔާނެއް ނެރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުޞްޙަފެއް އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ރާއްޖެއިން ވެސް ވަނީ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ވަނީ، އެފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށާއި އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ގެއްލުންދެނިވި ކަމެއްކަން ފާހަގަކޮށްފައެވެ.
އަދި އެފަދަ އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭފަދަ ޢަމަލުތަކުގެ ސަބަބުން އެކި ފިކުރާއި ޢަޤީދާތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުޞޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއިން ވަނީ އިސްލާމްދީނާ ދެކޮޅު މިފަދަ ޢަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
އިރާގުން ސްވިޑެންއަށް ހިޖުރަ ކޮށްފައިވާ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށްވާ ސަލްވަން މޮމިކާ ގުރުއާން އެންދިއިރު ސްވިޑެންގެ ފުލުހުންވަނީ އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓާފައެވެ.
އިރާގު ރައްޔިތެއްގެ މިއަމަލާ ދެކޮޅަށް އިރާގުގައިވެސް ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިންވަނީ ސަލްވަން މޮމިކާ އިރާގު ސަރުކާރާ ހަވާލުކުރުމަށް ގޮވާލާފައެވެ. އަދި އޭނާ އަށް ހަރުކަށި އަދަބު ދިނުމަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ.
ޤުރުއާން އެންދި މައްސަލަ އިސްލާމީ ވަރަށް ގިނަ ގައުމުތަކުން ކުށްވެރިކުރަމުން އަންނަ އިރު ސްވިޑެންގެ ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ