އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، މިކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ބުހުތާނު ދޮގު ޚަބަރުތައް ފަތުރަމުން ދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެ ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށާއި، ބިނާކުރަނިވި ފާޑު ކިޔުމަށް އެ ކުންފުނިން އަބަދުވެސް މަރުޙަބާ ކިޔާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ޚިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ މިކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށެވެ.
އަދި މިދެންނެވި ގޮތާއި ޚިލާފަށް މިހާތަނަށް މިކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެހެން ނަމަވެސް، ފަޚުރުވެރި ދިގު ތާރީހެއް އޮތް އެ ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއްނޫން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، ސްޓެލްކޯ އާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް އިލްތިމާސްކުރާ ކަމަށްވެސް ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ