ގަރާޖު ސިޓީއާ ނުލައި މިހާރު ޓެކްސީ ރަޖިސްޓްރީ ކުރެވޭނެ، ސެންޓަރު ލިޔުންވެސް ދެން ބޭނުމެއް ނުވާނެ!

ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި، ސެންޓަރު ލިޔުންވެސް ހުށަހަޅަން ނުޖެހޭ ގޮތް ހަދައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު” އަށާއި “ޓެކްސީ ގަވައިދު” އަށް ބައެއް އިސްލާހުތައް ގެނެސްފަ އެވެ.
އެގޮތުން އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގައި ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ޓެކްސީ ވަނީ ހިިމަނައިފަ އެވެ.
ނަމަވެސް ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނީ އިސްލާހުގައި ބުނެފައިވާ ގޮތުން 10،000 ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދެއްކުމުންނެވެ. އަދި ވަގުތީ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ 15،000 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
“ޓެކްސީ ގަވައިދު” އަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، ޓެކްސީ ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ ކާރެއްކަން އަންގައިދޭ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ އެވެ. އެ އިސްލާހަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ