ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ހުޅަނގު މޫސުން ފެށިއްޖެ އެވެ. އެއާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި ގަދައަށް ވައި ޖެހުމާއި ކަނޑުތައް ގަދަވުމާއި ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެ ކަމުގެ އިންޒާރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އެކަމަކު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން އިއްޔެ ފެށުނު އިރު، މެދުރާއްޖެ ތެރެއަށް ފެށިފައިވަނީ މިއަދެވެ.
ހުޅަނގު މޫސުން ފެށޭނީ ދެކުނުގެ އަތޮޅުތަކުން، އޭގެ ފަހުން އޭގެ އަސަރު މެދު ރާއްޖެތެރެއަށް ކުރޭ؛ މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށާ
މޭ މަސް ފެށުނު ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން؛ މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިޔުން
ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުން؛ އަދި މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިޔުން
"ވޭތުވެ ދިޔަ އަހަރުތަކުގެ ޑާޓާތަކަށް ބަލާއިރު، އާއްމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ދެ ވަނަ ހަފުތާގައި. އެކަމަކު މި އަހަރު ތަންކޮޅެއް އަވަހަށް މި މޫސުން ފެށިފައި މި ވަނީ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހުޅަނގު މޫސުން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދެ އެވެ. އަދި އެ ހަ މަސްދުވަހުގެ ތެރޭގައި އާއްމުކޮށް ވާރޭވެހި، ކަނޑުތައް ގަދަވެ އެވެ.
ތަފްސީލް - މެޓު އޮފީހުން ބުނާ ގޮތުގައި، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މޫސުން ވަރަށް ގޯސްވާނެ އެވެ. ހާއްސަކޮށް، މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަހައްދުގައި އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ބުންޏެވެ.
މޫސުން އަލިވާން ފަށާނީ، މެޓުން ލަފާކުރާ ގޮތުގައި އަންގާރަ ދުވަހުގެ ފަހުންނެވެ.
މި ދުވަސްތަކުގައި:
އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ
ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ
ބައެއް ރަށްރަށަށް އުދަ އަރާނެ
"އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އަދި ގަދަ ވަޔާއެކު ވާރޭ ވެހޭއިރު ލިބިދާނެ ނުރައްކާތަކުން ސަލާމަތްވުމާއި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަމެވެ،" މެޓު އޮފީހުން މިއަދު ނެރުނު ލިޔުމެއްގައި ބުންޏެވެ.
ހުޅަނގު މޫސުން ފެށިއްޖެ؛ ކުރިއަށް އޮތީ ގަދަ ދުވަސްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ