ޕީޕީއެމް ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވައިދިނުމަށް މައުމޫން އެދިވަޑައިގެންފި

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޔައުމިއްޔާތައް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފޮނުވައިދިނުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މައުމޫން މިއަދު ފޮނުއްވި ސިޓީގައި ފާއިތުވި ތަނުގައި ޕާލަމެންޓްރީ ގްރޫޕުން ބާއްވާފައިވާ ބައްދަލުވުންތަކުގެ މައުލޫމާތާއި ބައްދަލުވުންތަކަށް ހާޒިރުވެވަޑައިގެންފައިވާ މެމްބަރުންނާއި އެ ބައްދަލުވުންތަކުން ނިންމާފައިވާ ނިންމުންތަކާއި މެމްބަރުން ވޯޓުދެއްވާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތާއި އެ ބައްދަލުވުންތަކުގެ ޔައުމީއްޔާ ހޯއްދެވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. "އެ ބައްދަލުވުންތަކުގައި ހުށަހެޅުނު ކަންތަކާއި ނިންމުނު ކަންތައް ވެސް 10 ދުވަހުގެ ތެރޭގައި އެމަނިކުފާނަށް ފޮނުއްވުމަށް އެ ސިޓީފުޅުގައި އެދިވަޑައިގެންފައި ވެއެވެ،" މިކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނުގައި އެވެ. ޕީޕީއެމް ހަރުދަނާކުރުމަށްޓަކައި އިސްލާހީ އެޖެންޑާއެއް އިއުލާންކޮށް މައުމޫން ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ