އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ކޯޓުން ހުއްޓުވައިިފި

ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީ ބާތިލްކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ އަދި ބާތިލުނުވާ ކަމަށް ކަނޑަޅައި ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
މައްސަލައިގެ ފެށުން - ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ބައެއް އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކޮށް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން އަންގައި އިއުލާން ކުރަން ފެށީ މިދިޔަ މަހު އެވެ. އެގޮތުން:
މިހާތަނަށް ޖުމްލަ 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވޭ
އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އުޅަނދުތައް
ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ވެސް ހިމެނޭ
ވީ ކިހިނެއް؟ - ރަޖިސްޓްރީ ބާތިލުކުރި ނުވަ އުޅަނދެއްގެ ވެރިފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ:
ޓްރާންސްޕޯޓްގެ ނިންމުން އިންޖީނުލީ އުޅަނދު ރަޖިޓްރީކުރުމުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރުމުގެ ކުރިން، އެއީ ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމަށް ނުބެލުމަށާއި އެ އުޅަނދުތަކަށް ވެސް އެެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް
ތަފްސީލް - އެ މައްސަލައިގައި އެދުނު ވަގުތީ އަމުރާ ގުޅޭ ގޮތުން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވާ ގޮތުން، ދައުވާކުރާ ފަރާތްތަކުން ފާހަގަކުރީ:
ޓްރާންސްޕޯޓުން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރިކަން އިއުލާނުކުރީ ގަވައިދާ ހިލާފުވި ސަބަބެއް އެންގުމެއް ނެތި
ރަޖިސްޓްރީ ބާތިލުކުރުމުގެ ކުރިން އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފައެއް ނުވޭ
ރަޖިސްޓްރީ ބާތިލުކުރަން ނިންމީ އެ އުޅަނދުތަކުގެ ވެރިފަރާތްތަކުގެ ބަހެއް ވެސް ހޯދުމެއް ނެތި
ވަގުތީ އަމުރާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް ދައުލަތަށް ދިން ފުރުސަތުގައި، ދައުލަތުން ބުނެފައިވަނީ:
ރަޖިސްޓްރީ ބާތިލުކުރިކަން އަންގައި ކުރި އިއުލާނުގައި ރަޖިސްޓްރީ ބާތިލުކުރި ސަބަބު ހާމަކޮށްފައިވާނެ ކަމަށް
ރަޖިސްޓްރީ ބާތިލުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވުމާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވުން
ދައުވާކުރާ ފަރާތްތަކުން އުޅަނދުތަކުގެ ރަޖިސްޓްރީ ހައްދާފައި ވަނީ ސައްހަ ނޫން މައުލޫމާތު ދީގެން، އުސޫލުތަކުގެ ބޭރުން؛ އެހެންވެ، ޓްރާންސްޕޯޓުގެ ނިންމުން ގަވައިދާ ހިލާފު ކަމަށް ނިންމާނެ ތަނެއް ނެތް
ރަޖިސްޓްރީ ބާތިލުކުރުމުގެ ސަބަބުން ދައުވާކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުންތަކަށް ވުރެ، އެފަދަ ގަވައިދާ ހިލާފަށް ހަދާފައިވާ ރަޖިސްޓްރީތަކެއް ބާތިލުނުކޮށް ބެހެއްޓުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ
ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށް ފަހު ކޯޓުން ދައުވާކުރާ ފަރާތްތައް އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދިނީ، ކޯޓުގެ އަމުރުގައިވާ ގޮތުން:
އެއީ ޓްރާންސްޕޯޓުން ހައްދައިދީފައިވާ ރަޖިސްޓްރީތަކެއްކަން ސާބިތުވޭ؛ އެކަމާ މިނިސްޓްރީން ވެސް ދެކޮޅެއް ނަހަދާ
އޭގެ ތެރޭގައި އަމިއްލަ ދިރިއުޅުމަށް ބޭނުންކުރާ އުޅަނދާއި އާމްދަނީ ހޯދަން ބޭނުންކުރާ ވެހިކަލް ވެސް ހިމެނޭއިރު، އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ސަބަބުން އެ އުޅަނދުތައް ބޭނުންނުކުރެވި، އަމިއްލަ ދިރިއުޅުމާއި އާމްދަނީއަށް ވެސް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ
އެތައް ހޭދައެއް ކޮށްގެން މިލްކުކޮށްފައިވާ މުދަލެއް ގެއްލި، އެ އެއްޗެއް އަނބުރާ ހޯދަން އެތައް ވަގުތަކާ ހޭދައެއް ކުރަން ޖެހޭނެ
ކުއްލިއަކަށް އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގާބިލުކަން ދައުލަތުގެ ކިބައިގައި ހުރި ކަމަށް ބެލިޔަސް، ރަޖިސްޓްރީ ބާތިލުކުރި އުޅަނދުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން އެ އުޅަނދުތަކުގެ ވެރިންނަށް ލިބިދާނެ ގެއްލުން ވަޒަންކުރުމަކީ އުނދަގޫ ކަމެއް
އެހެންވެ، ސިވިލް ކޯޓުން ނިންމާފައި ވަނީ، ގެއްލުނު ކަމަށް ގަބޫލުކުރެވޭ ހައްގެއް ހޯދުމަށް ދައުވާކޮށް އަދި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުގެ ހައްގު ދައުވާކުރާ ފަރާތްތަކަށް އޮތް ކަމަށެވެ. އެހެންވެ، އެ ކޯޓުން ވަނީ، މި މައްސަލައިގައި އެ ކޯޓުން ހުކުމްކުރުމުގެ ކުރިން، އެއީ ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމަށް ނުބެލުމަށާއި އެ އުޅަނދުތަކަށް ވެސް އެެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓަށް އަންގައި ވަގުތީ އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ