ގާސިމް، ސިޔާމް، ނާޒިމާ ދެކޮޅަށް ޕީއެންސީ ކެންޑިޑޭޓަކު ނުނިކުންނާނެ: އަބްދުއްރަހީމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިން ސިޔާސީ ޕާޓީއެއްގެ ލީޑަރުން ވާދަކުރައްވާ ދާއިރާތަކަށް ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް ނިންމައިފި އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިމަތިލައްވާ މާމިގިލި ދާއިރާ އާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ކުރިމަތިލައްވާފަ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމު މުހައްމަދު ކުރިމަތިލައްވާ ދ. މީދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާނެ ކަމަށެވެ.
މިތިން ބޭފުޅުންގެ ސިޔާމާއި ގާސިމް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ކުރިމަތިލައްވަނީ އެ ބޭފުޅުން މިހާރު ތަމްސީލް ކުރައްވާ ދާއިރާތަކަށެވެ. ނަމަވެސް ނާޒިމް މިވަގުތު ހުންނެވީ ދަނގެތި ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
އަބްދުއްރަހީމް މިއަދު ވިދާޅުވި ގޮތުގައި މިދާއިރާތަކަށް ކުރިމަތިނުލާން ނިންމީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިހްތިރާމު ކުރުމުގެ ގޮތުންނެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ބޭފުޅުންނާ އެކު އެމްއެންޕީގެ ބޭފުޅުންނަށްވެސް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދޭން ޕީޕީއެމް ޕީއެންސީ އިން ކުރިން ނިންމި އެވެ. ނަމަވެސް މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އެމްއެންޕީގެ ބޭފުޅުންނަށް ބައިވެރި ނުވެވޭ ގޮތް ހަދާފަ އެވެ.
ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންނާ އެކު އަބްދުއްރަހީމް އަބްދުﷲ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަވަސް
އަބްދުއްރަހީމް ވިދާޅުވީ ތިން ލީޑަރުންނަށް ދޫކޮށްލި ދާއިރާތައް ފިޔަވާ އެހެން ހުރިހާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރާނެ އެވެ. ޕްރައިމަރީއަށްފަހު ޕީޕީއެމް ޕީއެންސީގެ ހުރިހާ ބޭފުޅުންނަށް ގުޅިގެން ކުރިއަށް ދެވެން ވާނެ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެެވެ.
"ޕްރައިމަރީ ވެގެން ނުވާނެ އަޅުގަނޑުމެންގެ ޕާޓީއަށް ސުލަހް މަސަލަސްކަމަށް ބުރޫއަރާ ކަމަކަށް. އޭގެ ބަދަލުގައި ވާންޖެހޭނީ ޕާޓީ އިތުރަށް ވަރުގަދަވެގެންދާ ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ އޮންނަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރާއިރު ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް 13 ބޭފުޅަކަށް މިހާރުވެސް ވަނީ ޔަގީންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ