އިސްރާއީލުން ޣާއްޒާގަައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި

އިސްރާއީލުން ޣާއްޒާގަައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.
އިސްރާއީލުން، ފަލަސްތީނުގެ ޣާއްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށް، އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އަމުރުކޮށް ދިނުމަށް އެދި ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މި މައްސަލައިގައި އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓައިލަން ބައިނަލްއަގްވާމީ ކޯޓުން މިއަދު ވަނީ އިސްރާއީލްގެ ނައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.
އިސްރާޢީލުން ޣާއްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މެދުކަނޑައިލަން އަމުރުކޮށްދޭން ދެކުނު އެފްރިކާއިން އެދިފައިވީނަމަވެސް ހަނގުރާމަ މެދުކަނޑާލަން މިއަދުގެ އަމުރުކޮށްފައި ނުވެ އެވެ.
ބައިނަލްއަގްވާމީ ކޯޓުން އިސްރާއީލުގެ މައްޗަށް ނެރުނު އަމުރުގައި، ޖެނޮސައިޑް ކޮންވެންޝަންގައި ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށް ބަޔާންކުރާ ހުރިހާ ކަމަކާއި، ނަސްލު ނައްތާލުމުގެ އެއްވެސް އަމަލެއް އިޒްރޭލުގެ އަސްކަރިއްޔާއިން ނުހިންގުމަށާއި އަދި ނަސްލު ނައްތާލުމުގެ އަމަލުތަކަށް މަގު ފަހިވާ އާންމު ހުރިހާ އަމަލެއް ހުއްޓައިލުމަށް ވަނީ އަމުރުކޮށްފައެވެ.
ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަކީ ދޭދޭ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދައިފައިވާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ