އިންޑިއާ ބަލިކޮށް ދިވެހި ޓީމު މުބާރާތް ނިންމާލީ މޮޅަކާއެކު

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސްޕެޝިއަލް އޮލިމްޕިކްސް، ސައުތު އޭޝިއާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު އިންޑިޔާ އާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކޮށްފިއެވެ.
ޑާކާގެ ބަޝުންދަރާ އެރީނާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުުޅުނު ފުރަތަމަ ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ އޭ ޓީމު އަތުން 6-0 ގެ ނަތީޖާއަކުން ބަލިވި އިރު، ދެވަނަ މެޗުގައި ބަންގްލަދޭޝްގެ ބީ ޓީމު އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އިންޑޮނީޝިއާ އަތުން ރާއްޖެ ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.
ކޮންމެ ޓީމެއްގައި ވެސް 7 ކުޅުންތެރިން ހިމަނައިގެން ކުޅޭ މިމުބާރާތުގައި މެޗަކަށްފަހު މެޗެއްގައި ރާއްޖެ ޓީމުގެ ކުޅުން ރަނގަޅުކުރި އިރު، މިއަދު އިންޑިއާ އަތުން މޮޅުވި މެޗުގައި ދިވެހި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މިމެޗުގައި ރާއްޖެ ޓީމުގެ ހުމައިދު ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަޝަމް އެވެ.
Advertisement
ބަންގްލަދޭޝްގެ ސްޕެޝިއަލް އޮލިމްޕިކްސް ކޮމިޓީން އިންތިޒާމްކުރި މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ، ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. ގައުމީ އެކި އުމުރުފުރާ ޓީމުތަކުގެ ކޯޗުކަން ކުރި ނާދު އަކީ ގައުމީ އެކި އުމުރުފުރާތަކުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ