ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ވާހަކަފުޅާއި ރާގު ބަދަލުވާކަމީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ، އެކަމެއްގެ ވާހަކަ އަބަދުމެ ދައްކާ ވާހަކައެކެވެ. އިންތިޚާބުތަކާ ދިމާކޮށް "ކުލަ ބަދަލުވާ ބޯވަ" ތަކަކަށް ސިޔާސީ "އިއްޒަތްތެރިން" ބަދަލުވާ ވާހަކައަކީ ވެސް ދިވެހިންގެ ތެރޭގައި، ގޯޅިތަކުގެ ކަންމަތިތަކުގައި، ސައިހޮޓާ ތަކުގައި އަދި އެނޫންވެސް ތަންތަނުގައި ދައްކާ، ދެކެފަރިތަ ވާހަކައެކެވެ.
ހެނދުނު ރީނދޫ ޓައިއެއް ތުރުކުރެއްވިއްޔާ އެދުވަހު އޮފީސް ނިންމާފައި ގެއަށް ދަނީ އަސުރުމާ ކުލައިގެ ތޮތްޕެއް ތުރުކުރައްވައިގެންނެވެ. އެރޭ ނިދިކުރައްވަން ރަތް ކުލައިގެ ޓީޝާޓެއް ތުރުކުރައްވައިފި ނަމަ ނިދަން އޮށޯންނަނީ ދަނބު ކުލައިގެ ބެޑުޝީޓާއި ބާލިސް އުރައިން ޖަރީކޮށްފައިވާ އެނދުކޮޅެއްގައެވެ.
މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ދޫ ހެލޭ ބައެއް ބޭފުޅުންނާ ގުޅުވައިގެން ގިނަ ދިވެހިން ދައްކާ ވާހަކައެކެވެ. ސިޔާސީ ބޭފުޅުންނާ ގުޅޭގޮތުން ދިވެހިން ދައްކާ އިތުރު ވާހަކައެއް ވެސް އޮވެއެވެ. އެބޭފުޅުން ދައްކައްވާ ވާހަކައާއި އަމަލާ ދިމާނުވާކަމުގެ ވާހަކައެވެ.
މި ވާހަކަ ނަގަނަގައިގެން ދައްކަން މި ޖެހުނީ، ހުސްވި 2023 ވަނަ އަހަރު ފެށުނީއްސުރެ، މިފަހަކާ ޖެހެންދެން، "އިބޫ ނޫން ގޮތެއް ނެތް" ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ސަނާކިޔުއްވައި ކެމްޕެއިން ކުރައްވައި، އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިން ގެންދަން ބޭނުންވި "ދިވެހީންގެރާއްޖެ" ކަމުނުދާކަމަށް ވިދާޅުވި 13 މަޖިލިސް މެމްބަރަކު، ކުއްލިގޮތަކަށް ރައީސް ޞާލިޙުގެ އެމްޑީޕީ ދޫކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ޕީއެންސީއާ ގުޅިވަޑައިގަތުމުންނެވެ.
އޭގެތެރެއިން ވެސް އެއް ބޭފުޅެއްގެ ވާހަކަ ވަކިން ފާހަގަކޮށްލާނަމެވެ. އެއްވެސް އިރެއްގައި ވިކިފައި ނޯންނާނެ ކަމަށާއި ޕީއެންސީއާ ގުޅުމުން ކުރެވުނީ އަމިއްލަ ގެއަށް އެނބުރި އާދެވުނުކަމުގެ އިހުސާސްކަމަށް ވިދާޅުވި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގެ ނަމެވެ.
މަޖިލިސް ތަޅުމުގައި ރައީސް ޑރ. މުއިއްޒުއަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވި އެއް ބޭފުޅަކީ މެމްބަރު ޝަރީފެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި، ދައްކާ ވާހަކަ އަޑުނާހާ ބައެއްގެ ތެރޭގައި ނޫޅެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރު ޝަރީފްގެ ވާހަކަ ވަކިން ފާހަގަކޮށްލަން ބޭނުންވި ސަބަބު ބުނެދޭނަމެވެ.
މީގެ ފަސް ވަރަކަށް އަހަރުކުރިން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ބަސްފުޅެއް، "ކުއޯޓް" ކޮށްލާނަމެވެ.
ސުވާލަކީ ޝަރީފް އެ ވިދާޅުވީ، ދައުރުގެ މެދުތެރެއިން ޕާޓީ ބަދަލުކުރައްވާ ކޮންމެ މެމްބަރަކު "ހަރާންކޯރު" ވަނީ ތޯ، އެވެ. އެހެން އެކަންވާނަމަ، މެމްބަރު ޝަރީފް ތިޔަ ހެއްދެވީ ކިހިނެއްތޯއެވެ؟ މި ސުވާލު މިގޮތަށް ކުރަން މި ޖެހުނީ، އެމްޑީޕީގެ 13 މެމްބަރުން ސަރުކާރާ ގުޅިފައިވާއިރު އެ މެމްބަރުން ގެންދިޔައީ ރިޝްވަތު ދީގެންކަމަށް އެމްޑީޕީން ތުހުމަތުކުރާތީއާ ވެސް އެކުގައެވެ.
އިތުރުކަމެއް ފާހަގަކޮށްލާނަމެވެ. ރައީސް މުއިއްޒު ހުވާކުރެއްވުމާއެކު، ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި ސިޔާސީ ހުރިހާ މުއްޒަފުން އެނބުރި ރާއްޖެ އައުމަށް ސަރުކާރުން އަންގާފައިވަނިކޮށް، ފޮރިން މިނިސްޓްރީން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ފޮނުވާފައިވާ މެސެޖެއްގެ ފޮޓޯ މީސްމީޑިއާގައި ދައުރުވެފައިވެއެވެ.
މެލޭޝިއާގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި, ޝަރީފްގެ ދަރިކަނބަލުން މިޒުނާގެ ޕޯސްޓިންގެ މުއްދަތު ފޮރިން މިނިސްޓްރީން މި އަހަރުގެ މާޗް މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށް އެ މެސެޖުގައި ވެއެވެ.
މީސްމީޑިއާގައި ޝުއޫރުފާޅުކުރި ބައެއް މީހުން ބުނާގޮތުގައި، މެމްބަރު ޝަރީފް ޕީއެންސީއަށް ސޮއިކުރެއްވީ އެ ސަބަބަށްޓަކައެވެ. އެހެންނަމަވެސް އެއީ ހަމަ ތުހުމަތެކެވެ. އެއީ ކަމުގެ ހަގީގަތަކަށް ވާކަށް ނުޖެހެއެވެ. މީހެއްގެ ނިޔަތަކީ ހަމައެކަނި އެމީހާއަށާއި ހެއްދެވި ފަރާތަށް އެނގޭނެ އެއްޗެކެވެ. އެހެން މީހުންނަށް އަޑުއިވޭނީ އެމީހަކު ދައްކާ ވާހަކައެއްގެއެވެ. ފެންނާނީ އެ މީހަކު ދެއްކި މަންޒަރެކެވެ.
ކޮންމެ އަކަސް މެމްބަރު ޝަރީފް ވަނީ، ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ. އެމަނިކުފާނަކީ ވެސް ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ދާއިރާއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ގައިމެވެ.
މެމްބަރު ޝަރީފެވެ. ތިޔަ ހެއްދެވީ ކިހިނެއްތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ