ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު ރަޝީދު ޕީއެންސީ އަށް ސޮއިކޮށްފި

ހދ. ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ.
ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ.
ރަޝީދުގެ އިތުރުން އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާބީ މެންބަރަކު ވެސް ވަނީ ޕީއެންސީ އަށް މިއަދު ސޮއިކޮށްފައެވެ. އެ މެންބަރުންނަކީ، ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ، ޙަސަން ޒަރީރު – މަތިވެރި ދާއިރާ، އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ، އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ، ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ އަދި ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ އެވެ.
މެންބަރުންގެ ސޮޔާއެކު ޕީއެންސީއަށް ނިސްބަތްވާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ޢަދަދު މިހާރު މިވަނީ 73 އަކަށް އަރާފައެވެ.
އާދީއްތަ ދުވަހު އޮތް އިންތިޚާބުގައި ޖުމްލަ 93 ދާއިރާގެ ތެރެއިން ޕީއެންސީ އަށް 66 ގޮނޑި ކާމިޔާބުވިއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުވީ 12 ގޮނޑިއެވެ. އެމްޑީއޭ އަށް 2 ގޮނޑި، އެމްއެންޕީއަށް ގޮނޑިއެއް، ޖޭޕީ އަށް ގޮނޑިއަށް ކާމިޔާބުވިއިރު މިނިވަން 11 މެންބަރަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
މި އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއާ އަށާއި ދަ ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއް ވެސް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ