ރައީސްގެ ވައުދާ އެއްގޮތަށް ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ހަދަން އަޒާން ގޮވާލައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް އެ ކޮމިޝަން އެކުވަލާން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ވީހާ ވެސް އަވަހަކަށް ފުއްދުމަށް، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން މަރުޒޫގު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އަޒާން މިގޮތަށް ގޮވާލެއްވީ، ޖޭއެސްސީން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ސަސްޕެންޑްކޮށް، އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ވިދިގެން، އެ ކޯޓުން ބަލަމުން އައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ މައްސަލަ ވެސް ވަނީ ހުއްޓިފަ އެވެ.
ތަފްސީލު - ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެ މަގާމަށް އައްޔަން ކުރުމަށް ރައީސް މުއިއްޒު ފޮނުއްވި މައްސަލައާ ގުޅޭ ގޮތުން ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ޕީއެންސީގެ ފަރާތުން މިއަދު ވާހަކަ ދެއްކެވީ އަޒާން އެކަންޏެވެ.
ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ހުސައިން ޝަހީދަކީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތަޖުރިބާކާރު، އެންމެ ގާބިލު ބޭފުޅާ ކަމަށެވެ. އަދި އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު އެ މަގާމު ހުސައިން ޝަހީދު އަދާކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތަކަށް ރަނގަޅު ފަނޑިޔާރުންލުމުގެ އިތުރުން، މުޅި ނިޒާމް ވެސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އެއާ އެކު، އޭނާ ހަނދާންކޮށްދެވީ މިދިޔަ ރިޔާސީ ކެމްޕެއިންގައި އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުއިއްޒު ޖޭއެސްސީ އިސްލާހު ކުރުމަށް ވެވަޑައިގެންނެވި ވައުދަށެވެ.
"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޑރ. މުއިއްޒު ވަނީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައި. އެ މަނިކުފާނުގެ ވައުދުފުޅެއް އެއީ،" އަޒާން ވިދާޅުވި އެވެ.
މެންބަރަކަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިއަކަށް އުޅުއްވި އަޒާން ވިދާޅުވި ގޮތުގައި، ޕީއެންސީން މިދިޔަ ފަސް އަހަރު އިދިކޮޅުގައި އޮވެ އެންމެ ބާރަށް ދެއްކި ވާހަކައަކީ ވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ ވާހަކަ އެވެ. އެހެންކަމުން، އެކަން ވީހާ ވެސް އަވަހަކަށް ކުރަން ޖެހޭ ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ.
"އަޅުގަނޑު ގޮވާލަން ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދައުލަތުގެ ބަންޑާރަނައިބު ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ކުރުމަށް ވީ އެންމެ އަވަހަކަށް ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅައިދެއްވުމަށް،" އަޒާން ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ ވައުދު ނުފުއްދުނުކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ މިދިޔަ 19 ވަނަ މަޖިލީހުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އޭރު ދެ ފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހު ކުރުމަށް ހުށަހެޅުއްވި ނަމަވެސް، އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެއަށް ތާއީދު ނުކުރި ކަމަށެވެ.
"އަޅުގަނޑުމެން [20 ވަނަ މަޖިލީހުގެ] މި އިއްޒަތްތެރި މެންބަރުން މި ތިއްބެވީ އެފަދަ ބިލެއް ހުށަހަޅުއްވައިފި ނަމަ ވަގުތުން ފާސް ކުރުމަށް ތައްޔާރަށް،" އަޒާން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން ހުސްވީ ޖޭއެސްސީން ސަސްޕެންޑް ކުރި ހުސްނުއްސުއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ހުސައިން ޝަހީދު އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވެ އެވެ.
ސުއޫދުގެ ސަސްޕެންޝަން އައުމުގެ ކުރިން ކޯޓުތަކުގެ ގާނޫނު އިސްލާހުކޮށްގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ހޮޅުދު ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ގާނޫނަށް އިސްލާހު ހުށަހެޅުއްވި އެވެ. އެ ބިލު ފާސް ކުރުމަށް އޭރު ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް، އެ ބިލު ފާސް ކުރުމަށް އަޒާން ވޯޓު ދެއްވާފައެއްނުވެ އެވެ. ވިޕްލައިނާ ހިލާފުވި މައްސަލައިގައި ޕީއެންސީގެ ޕީޖީން އަޒާންއަށް ފިޔަވަޅު ވެސް އެޅި އެވެ.
މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފަ އެވެ. 
ގުޅުން ހުރި - ޖޭއެސްސީ އިސްލާހު ކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް އަޒާން ގޮވާލެއްވިއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމާފައި ވަނީ، ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެ ދުވަހު ފަށަން ކުޑަ ވަގުތުކޮޅެއް އޮއްވަ އެވެ. އެއީ ސިޔާސީ ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމުން ނިމުމުގެ އެއް ދުވަސް ކުރިން ރައީސް މުއިއްޒު ވަނީ އެ ކޮމިޝަންގައި އެ މަނިކުފާނު ތަމްސީލު ކުރައްވާ މެންބަރު މުހައްމަދު ސަމީރު ވަކިކުރައްވައި އެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވާފަ އެވެ. އެ މަގާމަށް ރައީސް އައްޔަން ކުރެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި މަޖިލިސް އިންތިހާބުގައި ޕިއެންސީ ޓިކެޓްގައި ވިލިނގިލި ދާއިރާއަށް ވާދަ ކުރެއްވި ޔަޒުމީދު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ