ހެޔޮކަމުގެ ރޭހުގައި ކުރިއަރާށެވެ!
ހެޔޮކަމުގެ ރޭހުގައި ފަހަތަށް ޖެހުމަކީ ތަޤުވާވެރިންގެ ސިފައެއް ނޫނެވެ. އެބައިމީހުން އަބަދު ވެސް އޭނާގެ އަޚާއާ އެކު ވާދަޖަހައި ކުރި ހޯދަން މަސައްކަތް ކުރަނީ ހެޔޮކަންކަމުގައެވެ. ދުނިޔަވީ ކޮންމެ ކަމެއް އަނެކާއަށް ޓަކައި ދޫކޮށްލަނީ ވެސް މި ދެންނެވި ފަލްސަފާގެ ދަށުން ހެޔޮ ކަމުގައި ކުރިއަރާ ދިޔުމަށެވެ. ހެޔޮކަމުގައި ކުރިއަރާ ދިއުމަށް ﷲ ވަނީ މުއުމިނުންނަށް އަންގަވައިފައެވެ. އެއިލާހު ވަޙީކުރައްވައިފައި ވެއެވެ. ﴿وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ ﴾وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾ (آل عمران: ١٣٣) މާނައީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤުވާވެރިންނަށެވެ." ހެޔޮ ކަމުގެ މަގަށް ވާދަނުކުރަންވީ އެއްވެސް ސަބަބެއް އެބަ އޮތްތޯއެވެ؟ ހެޔޮ ކަމުގެ ރޭހުގައި މިއަދު މި ތިބެވެނީ މުހިންމު މޫސުމެއްގެ ތެރޭގައެވެ. މީގެ އަހަރެއް ފަހުން ނޫނީ އަލުން އިޢާދަ ނުވާނެ ދުވަސްތަކަކާ ބައްދަލުވެފައެވެ. ބަރަކާތްތެރި ރަމަޟާންމަހެވެ. އެ މަހުގެ ފަހު ދިހައެކެވެ. އެ ދިހައެއްގައި އޮތީ އެއް ހާސް މައްސަރަށްވުރެ ހެޔޮ ރެއެކެވެ. އެންމެ ރެއަކުން 83 އަހަރަށް ވުރެ ދިގު މުއްދަތަކަށް އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ހޯދޭނެ ފުރުޞަތެވެ. ﷲ މި މޫސުމް ލައްވައިފައި ވަނީ ހެޔޮ ކަމުގައި ކުރިއަރާ ދިއުމަށެވެ. ހެޔޮ ކަމުގެ ރޭހުގައި ބައިވެރިވުމަށް ކުރިޔާލައި ތައްޔާރު ނުވެނުނީތީ ހިތާމަ ކުރާކަށް ނުޖެހެއެވެ. ﷲއަށް ޓަކައި އިޚްލާޞްތެރި ހިތަކައިގެން އަވަހަށް ފަށައިގަންނަންވީއެވެ. މިހާރު ހަމަ މިއަދު މި ވަގުތު އެ ކަމަށް ނިޔަތްގަންނަންވީއެވެ. ޙަޔާތުން ގެއްލުނު ދުވަސްތައް ހޯދޭތޯ ވީހާ އަވަހަކަށް މަސައްކަތް ކުރަންވީއެވެ. އިއްޔެގެ ނޭނގުން މިއަދު ފިލައިގޮސްފި ނަމަ، މިއަދު އެ މީހައަށް އެ ވަނީ ޙިދާޔަތުގެ ނިޢުމަތް ލިބިފައެވެ. ޣާފިލުކަމުން އަރައިގަނެވިފައެވެ. އަނދިރީގެ ތެރެއިން އަލި މަގަކަށް ނިކުމެވިފައެވެ. އެ މީހާ އަބަދުވެސް މަސައްކަތް ކުރަންވާނީ ހެޔޮ ކަމުގެ ރޭހުގައި ކުރިއަރާ ދިޔުމަށެވެ. ހެޔޮ ކަމުގެ ރޭހުގައި އެންމެ ހީވާގިވެ އުޅޭތީ މިއަދު ފެންނަނީ އަންހެން ކަނބަލުންނެވެ. އެ ކަނބަލުން ގޭތެރޭގެ ދިރިއުޅުމުގައި އަވަދިނެތި އުޅެމުން ވެސް ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. ޤުރްއާން ކިޔެވުމާއި ސުންނަތް ނަމާދު ކުރުމެވެ. ޞަދަޤާތް ދިނުމާއި ރޯދަހިފުމެވެ. މި ހުރިހާ ކަމެއް ކުރަމުން ދަރިންގެ ތަރުބިއްޔަތަށް ވެސް އެންމެ ބޮޑު ހިއްސާއެއް ދޭ ބަޔަކީ އެކަނބަލުންނެވެ. އެނގޭ މިންވަރަކުން ދަރިންނަށް ދީން އުނގަންނައިދެނީ ވެސް އެކަނބަލުންނެވެ. މި ހުރިހާ ކަމެއް ވެސް އެ ކުރަނީ ހެޔޮ ކަމުގައި ކުރިއަރާ ދިޔުމަށެވެ. މިއީ ހެޔޮ ކަމުގެ ރޭހުގައި ކުރިއަރާދިޔުމެވެ. ހެޔޮ ކަމުގެ ރޭހުގައި ނުހުއްޓި ކުރިޔަށް ދާށެވެ! ރަމަޟާންމަސް ފެށިގެން އައި ހިނދު ހުރި ޖޯޝާއި ފޯރި އަލުން ގެންނަންވީއެވެ. މި މަހުގެ ބާކީ އޮތް ދުވަސްތަކާއި ރޭތައް އިޙްޔާކުރަމާ ހިނގާށެވެ. ކަންނެތްކަމާއި ފޫހިކަމަކީ ޝައިޠާނާގެ ކިބައިން އަންނަ އުނދަގުލާ ތުރާލެވެ. އެ ކަމަށް އިޖާބަ ނުދޭށެވެ. އޭނާގެ ނުބައި ވަސްވާސްތަކުން ސަލާމަތްކޮށްދެއްވައިތޯ މާތް ﷲގެ ޙަޟްރަތުގައި ގިނަގިނައިން ދަންނަވާށެވެ. މި މައްސަރު ޚާއްޞަ ކުރެވިފައި އޮތީ ތައުބާއަށެވެ. ދިންނެވުމަށް އެދި ދެންނެވުމަށެވެ. ފުއްސެވުމަށް އެދި އަތް އުފުލާށެވެ. ތާއަބަދު ދަންނަވާށެވެ. ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުގައެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި އެންމެހާ ކިޔުންތެރިނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަނީ ހެޔޮ ކަމުގެ ރޭހުގައި ކުރިއަރާ ދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ