ޖެމްކިޔުއިން ފައިސާ ނުނެގޭ ގޮތް ހަދައިފި، އެދުނީ ކެތްތެރިވާން

ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އިން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ. އެ ސްކީމަށް 40،000 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. އެނގިފައިވާ ގޮތުގައި ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ. އެހެންވެ، ގިނަ ބަޔަކު އަންނަނީ ޖެމްކިޔުއަށް އިންވެސްޓްކުރި މީހުންނަށް ޚާއްސަ ޓެލެގްރާމް ގްރޫޕުގައި ނުރުހުން ފާޅުކުރަމުންނެވެ. އެކަމަކު، މާ ގިނައިރުނުވެ، އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ވެސް ބައެއް މީހުން އަންނަނީ ގްރޫޕުގައި ބުނަމުންނެވެ. އަދި، އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުގެ ސިޓީއެއް ކަމަށް ބުނެ ސިޓީއެއް ވެސް ލައިފައެވެ. އެއީ، އެކަމަކު އަސްލު ސިޓީއެއް ނޫންކަން ވަނީ އެނގިފައެވެ. އެ ގްރޫޕުގައި ބައެއް މީހުން އަންނަނީ ޖެމްކިޔުއަށް އިތުބާރުކޮށް، މަޑުން ތިބެން ވެސް ގޮވާލަމުންނެވެ. އެ ގްރޫޕަށް ޖެމްކިޔުގެ ފަރާތުން ލާފައިވާ މެސެޖެއްގައި ބުނެފައިވަނީ ފައިސާ ނުނެގޭ ގޮތް ދިމާވީ ޖެމްކިޔުއިން މަނީ ލޯންޑާކުރާ ކަމަށް ޝައްކުކުރެވިގެން ކަމަށެވެ. އެކަމަކު، އެކަން ރިވިއުކުރުމަށް ފަހު ދެ ދުވަހެއް ތެރޭގައި ހުރިހާ ކަމެއް 'ހަމައަކަށް އެޅޭނެ' ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ. https://sun.mv/207361 ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި މި ސްކީމަށް 41،500 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. ޖީއެމްސީއީ ސްކީމްގެ ރަސްމީ ދިވެހި ޓެލެގްރާމް ގްރޫޕުގައި ވެސް އެހާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުގެ އެކި ފެންވަރުގެ މީހުން ހިމެނެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ސްކީމަށް ފައިސާ އަޅާކަން ވަނީ އެނގިފައެވެ. ޖީއެމްސީއީއަކީ ވަކި އަދަދަކަށް އިންވެސްޓްކުރުމުން ކޮންމެ ދުވަހަކު ވެސް ދެ އިންސައްތަ ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ލިބޭ ސްކީމެކެވެ. އެއީ، ޕިރަމިޑް ސްކީމެއްކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. "މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ." ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. https://sun.mv/207341 ފުލުހުން ބުނީ، އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް އެ މުއައްސަސާއާއި ސީއެމްޑީއޭއިން އިލްތިމާސްކުރާ ކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމުތަކަށް އިންވެސްޓުކުރުމުން އިއާދަނުކުރެވޭ މާލީ ގެއްލުންތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ފާހަގަކުރިއެވެ. "އެހެންކަމުން މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ދަންނަވަމެވެ،" ބަޔާނުގައިވެއެވެ. ފުލުހުން ބުނީ، ސީއެމްޑީއޭއާއި އެ މުއައްސަސާ ގުޅިގެން އެ މައްސަލަ ބޭރުގެ އޭޖެންސީތަކުގެ އެހީތެރިކަމާ އެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކީމް ހިންގައި، ޕްރޮމޯޓްކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސީއެމްޑީއޭއާއެކު ކުރަމުން އަންނަކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ. ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ