ދިވެހި މަސައްކަތްތެރިންނަށް އެންމެ ކުޑަކޮށް ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ލޭބާ މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހޭ އެއްޗެކެވެ. ނޮވެމްބަރު، 2021، ގައި މިނިމަމް ވޭޖު ތައާރަފު ކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައެއް ނުވެ އެވެ. ރިވިއު ކުރަން ޖެހޭ މުއްދަތު ހަމަވީ ނޮވެމްބަރު، 2023، އަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މިނިމަމް ވޭޖާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މައުރޫފް ޒާކިރު ސުވާލު ކުރެއްވުމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިދިޔަ ސަރުކާރުން މިނިމަމް ވޭޖް ރިވިއުގެ މަސައްކަތްކޮށްފައިނުވާތީ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އަލުން ހަމަޖައްސަން ޖެހުމަކީ ވެސް ރިވިއު ލަސްވި އެއް ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ނުކޮށްވާތީ މި މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން މި މިނިސްޓްރީއިން މި މަސައްކަތް ކުރުމަށްޓަކައި މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އާ މިނިމަން ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމް ކުރެވުނު،" ހައިދަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ، މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެން ކަމަށެވެ. އެ މަސައްކަތް ކުރަން ބޭނުންވާ ޑޭޓާ އެއް ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ 'ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް'. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ އެންމެ ލަސްވެގެން އަންނަ ޑިސެމްބަރުގެ ނިޔަލަށް މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. އަޅުގަނޑުމެންގެ މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. ކުދި، މެދު އަދި ބޮޑު ވިޔާރިތަކުން ދޭންޖެހޭ މިނިމަން ވޭޖް ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ. ކުދި ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން ގަޑިއިރަކަށް 24 ރުފިޔާ ނުވަތަ މަހަކަށް 5000 ރުފިޔާ ދޭންޖެހެ އެވެ. މެދު ފަންތީގެ ވިޔަފާރިތަކުން ގަޑިއަކަށް 33 ރުފިޔާ ނުވަތަ މަހަކަށް 7000 ރުފިޔާ ދޭންޖެހެ އެވެ. ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ގަޑިއިރަކަށް 42 ރުފިޔާ ނުވަތަ މަހަކަށް 8900 ރުފިޔާ ދޭންޖެހެ އެވެ.
ސުންގަޑި ހަމަވެފައި އޮތް މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ: މިނިސްޓަރު ސުންގަޑި ހަމަވެފައި އޮތް މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ